ENGLISH

10 އޭޕްރީލު 2025

Advertisement

ނިއޯމް މަޝްރޫޢަކީ ޖީލުތަކުގެ އިންވެސްޓްމަންޓެއް: ސަޢޫދީ އިންވެސްޓްމަންޓް މިނިސްޓަރު

26 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ސަޢޫދީ އަރަބިއްޔާގައި ކުރިއަށްދާ ބޮޑު މަޝްރޫޢު "ނިއޯމް"

ސަޢޫދީ އަރަބިއްޔާގައި ކުރިއަށްދާ ބޮޑު މަޝްރޫޢު "ނިއޯމް" އަކީ ޖީލުތަކުގެ އިންވެސްޓްމަންޓެއް ކަމަށާއި، މި މަޝްރޫޢުގައި ބޭރުގެ އިންވެސްޓަރުންގެ ބައިވެރިވުން އިތުރުވަމުންދާނެ ކަމަށް ސަޢޫދީ އަރަބިއްޔާގެ އިންވެސްޓްމަންޓް މިނިސްޓަރު ޚާލިދު އަލް-ފާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާދުގައި ކުރިއަށްދިޔަ ވޯލްޑް އިންވެސްޓްމަންޓް ކޮންފަރެންސްގައި ރޮއިޓަރޒްއަށް ދެއްވި ބަޔާނެއްގައި މިނިސްޓަރު ވިދާޅުވީ، ނިއޯމް މަޝްރޫޢަކީ ދެތިން އަހަރުން ނުވަތަ ފަސް އަހަރުން އިންވެސްޓްމަންޓް ފުރުޞަތުތައް ހުޅުވިގެންދާނެ މަޝްރޫޢެއް ނޫން ކަމަށެވެ. އަދި މިއީ ދިގު މުއްދަތެއްގެ މައްޗަށް ބިނާވެފައިވާ އިންވެސްޓްމަންޓެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނިއޯމް މަޝްރޫޢަކީ ސަޢޫދީ އަރަބިއްޔާގެ ރެޑް ސީ ސަރަޙައްދުގައި ކުރިއަށްދާ ޒަމާނީ ސިޓީއެއް ބިނާކުރުމުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަރަޙައްދަކީ ބެލްޖިއަމްގެ ބޮޑުމިނާ ގާތްކުރާ ސަރަޙައްދެކެވެ. އަދި މުސްތަޤުބަލުގައި 9 މިލިއަން މީހުން ދިރިއުޅޭނެ ސިޓީއަކަށް ހެދުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢަކީ ސަޢޫދީ އަރަބިއްޔާގެ "ވިޝަން 2030" ގެ މުހިންމު ބައެކެވެ. މި ވިޝަންގެ މަޤްޞަދަކީ ތެލަށް ބަރޯސާވުން ކުޑަކޮށް، އިޤްތިޞާދު ތަރައްޤީކުރުމެވެ. މިކަމަށްޓަކައި ސަޢޫދީ އަރަބިއްޔާގެ 925 ބިލިއަން ޑޮލަރުގެ ސޮވްރިން ފަންޑު މެދުވެރިކޮށް ސަތޭކަ ބިލިއަން ޑޮލަރު ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކުރަމުންދެއެވެ.

މިނިސްޓަރު އަލް-ފާލިޙް ވިދާޅުވީ ބޭރުގެ އިންވެސްޓަރުން މިހާރުވެސް ނިއޯމް މަޝްރޫޢުގައި ބައިވެރިވަމުންދާ ކަމަށާއި، އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ފައިދާއާއި ރިސްކް-ރިޓާން ރޭޝިއޯތައް ވަރަށް ރަނގަޅު ކަމަށް އިންވެސްޓަރުންނަށް ޔަޤީންވަމުންދާ ކަމަށެވެ.

ސަޢޫދީ އަރަބިއްޔާއިން ވަނީ 2030 ވަނަ އަހަރާ ހަމައަށް އަހަރަކު 100 ބިލިއަން ޑޮލަރުގެ ބޭރުގެ ސީދާ އިންވެސްޓްމަންޓް ޤައުމަށް ގެނައުމުގެ ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ. 2023 ވަނަ އަހަރު މި ލަނޑުދަނޑީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ހާސިލުކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު