ENGLISH

27 ޖުލައި 2025

Advertisement

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވެރިންނާ ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވައިފި

26 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ބޮޑުވަޒީރު މޯދީ ސިޔާސީ ޕާޓީތަކުގެ ވެރިންނާ ބައްދަލުކުރެއްވުން، ފޮޓޯ: އެކްސް

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރަސްމީ ދައުވަތުފުޅަކަށް ރާއްޖެއަށް ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގެން ހުންނެވި ބޮޑުވަޒީރު މޯދީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވީ އެމަނިކުފާނު ހުންނެވި ކުރުނބާ އައިލެންޑް ރިސޯޓުގައެވެ. 

އެ ރިސޯޓުގައި ބޭއްވި ބައްދަލުވުމުގައި މޯދީވަނީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ އެމްޑީޕީގެ ލީޑަރުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޕާޓީގެ އެހެނިހެން ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. 

އޭގެ އިތުރަށް ސިޔާސީ ޕާޓީތަކުގެ ތެރެއިން ކުދި ބައެއް ޕާޓީތަކުގެ ވެރިންނާވެސް މޯދީ ބައްދަލުކުރެއްވިއެވެ. އެގޮތުން އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ އިސްވެރިންގެ އިތުރަށް މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަތެވެ. 

އޭގެ އިތުރަށް އެ ބައްދަލުވުމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރު މާފަަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ބައްދަލުވެވަޑައިގެންނެވިއެވެ. 

މި ބޭފުޅުންގެ އިތުރަށް ރާއްޖޭގެ ކުރީގެ ރައީސުންގެ ތެރެއިން ރައީސް މުޙައްމަދު ނަޝީދާވެސް މޯދީ ބައްދަލުކުރައްވާފައިވެއެވެ. 

އެ ބައްދަލުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި މޯދީ ވިދާޅުވީ ސިޔާސީ ދާއިރާގެ ތަފާތު ލީޑަރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ އިންޑިޔާއާއި ދިވެހިރާއްޖޭގެ ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޚުމަށް ދެ ފަރާތުގެ ފުރިހަމަ ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށެވެ. އަދި އިންޑިޔާ ރާއްޖެ ގުޅުމަށް އެންމެ ބޮޑު އެހީއެއްވަނީ ދެ ގައުމުގެ މެދުގައި އޮތް ހިއްސާވަނިވި އަސާސްތަކުން ކަމަށްވެސް އެމަނިކުފާނު ވިދާާޅުވިއެވެ. 

މޯދީ ރާއްޖެ ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން މުހިއްމު އަށް ފަހުމުނާމާއެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. އެގޮތުން ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުމާ ގުޅޭ ފަހުމުނާމާއަކާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖެއްސުމުގެ ފަހުމުނާމާގައި ސޮއިކުރައްވާފައިވެއެވެ. 

އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދޭ ކަރަންސީ ސްވޮޕް ފެސިލިޓީއާ ގުޅޭ ފަހުމުނާމާގައިވެސް ދެ ގައުމުން ސޮއިކުރިއެވެ. އޭގެ އިތުރަށް މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. 

ފާމަކޯޕިއާ ދާއިރާއިން އެއްބާރުލުންދީ އަގުހެޔޮކޮށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ފަހުމުނާމާއެއްގައި ވެސް ސޮއިކުރައްވާފައިވެއެވެ. އަދި މޫސުމާއި މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ކަންކަން މޮނީޓާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، ކާމިޔާބު ޑިޖިޓަލް ހައްލުތައް ތަންފީޒުކުރުމާއި ޑިޖިޓަލް ތަރައްގީއާއި އީޖާދީ ހައްލުތައް ހޯދައި ޑިޖިޓަލް މުސްތަގުބަލެއް ކަށަަވަރުކުރުމުގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވެއެވެ. 

އިންޑިޔާގެ މެދުގައި ބޯޑަރު ހުރަސްކޮށް ރެމިޓެންސް ފޮނުވުން ފަސޭހަކުރުމާ ގުޅޭ ފަހުމުނާމާއެއްގައި އެމްއެމްއޭއާއެކު ސޮއިކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު