ENGLISH

07 ޖުލައި 2025

Advertisement

އެމެރިކާގެ ޓެކްސަސްގައި ކޯރެއް ބަންޑުންވެ، ފެން ބޮޑުވެގެން މަރުވި މީހުންގެ އަދަދު 50 އިން މައްޗަށް

06 ޖުލައި 2025

|

ހަސަން އާމިރު

އެމެރިކާގެ ޓެކްސަސްއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެ ސްޓޭޓުގެ މަޝްހޫރު ގްވާޑަލޫޕް ކޯރު ބަންޑުންވެ، މަރުވި މީހުންގެ އަދަދު 50 އަށް އަރާފައިވާ ކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.

މަރުވި މީހުންގެ އިތުރުން، އެތައް ބަޔަކު ގެއްލިގެން ހޯދަމުންދާއިރު، ގެއްލުނު މީހުންގެ ތެރޭގައި، އެ ސަރަޙައްދުގެ އަންހެން ކުދިންނަށް ޙާއްސަ ސްކޫލަކުން ކޭމްޕިންގް އަށް ގޮސް އުޅުނު 27 ދަރިވަރުން ވެސް ހިމެނެއެވެ.

ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވެހުނު ބޯ ވިއްސާރައިގައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގްވާޑަލޫޕް ކޯރުގެ ފެންގަނޑު އުފުލި، ބަންޑުންވުމުގެ ސަބަބުން، ސަލާމަތް ހޯދުމަށް އާންމުންނަށް އިންޒާރު ދޭނެ ވަގުތެއް ވެސް ކަމާބެހޭ އިދާރާތަކަށް ލިބިފައެއް ނުވެއެވެ.

ކަރ ކައުންޓީގެ ޝެރިފް ލެރީ ލެއިތާ ވިދާޅުވީ، އެ ހާދިސާގައި މަރުވި 43 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި 15 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އަދި އެހެން ކައުންޓީތަކުން މަރުވި މީހުންނާއެކު، މި ހާދިސާގައި މަރުވި ޖުމްލަ މީހުންގެ އަދަދު މިހާރު 50 އަށް އަރާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ އޮޕަރޭޝަންގައި މައި ސަރުކާރުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

ސްޓޭޓް އިމަޖެންސީ މެނޭޖްމަންޓް އޮފިޝަލުން ވަނީ، ހުޅަނގާއި މެދުތެރޭ ޓެކްސަސްއަށް "ކުރިއަށް އޮތް ދެތިން ދުވަހު" ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދީފައެވެ.

ހުކުރު ދުވަހު ފާހަގަކުރި އެމެރިކާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް އެ ސަރަޙައްދުގައި ވަނީ ކެންސަލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު