ENGLISH

04 ޖުލައި 2025

Advertisement

ޣައްޒާގައި އަލުން ޙަމަލާތައް ހުއްޓައިލުމުގެ އާ ހުށަހެޅުން ޙަމާސްއިން ދިރާސާކުރަން ފަށައިފި

03 ޖުލައި 2025

|

ހަސަން އާމިރު

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ލާއިންސާނީ ޢުދުވާނުތައް މެދުކަނޑައިލުމުގެ އާ ހުށަހެޅުން ލިބިފައިވާ ކަމަށާއި، އެ ހުށަހެޅުން ދިރާސާކުރަމުންދާ ކަމަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނެފިއެވެ.

ޙަމާސްއިން މިހެން ބުނީ، ޣައްޒާއަށް އިޒްރޭލުން ދެމުންދާ ޢުދުވާނުތައް، 60 ދުވަހަށް މެދުކަނޑައިލުމުގެ ޝަރުތުތަކަށް އިޒްރޭލުން އެއްބަސްވެފައިވާކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެފައިވަނިކޮށެވެ.

ޙަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި ސުލްޙަ ޤާއިމުކުރުމުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުންދާ ޤައުމުތަކުގެ ފަރާތުން ޙަމަލާތައް މެދުކަނޑައިލުމުގެ އާ ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

ނަމަވެސް، ޙަމާސްގެ މައިގަނޑު އަމާޒަކީ މި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުން ކަމަށް އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ޤައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އެމެރިކާގެ އިތުރުން ޤަތަރާއި މިޞްރުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.

އެ މަސައްކަތުގެ ތެރެއިން، މިދިޔަ މެއި މަހުގެ ފަހުކޮޅު، އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އިސްވެ ހުށަހަޅުއްވާ ހުށަހެޅުމުގައި، ޣައްޒާގައި ޙަމަލާތައް ބަދަލުކުރުން 60 ދުވަހަށް ހުއްޓައިލުމުގެ އިތުރުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 100 އެއްހާ އަސީރުން މިނިވަންކުރުން ހިމެނޭކަމަށް އެކި މަސްދަރުތަކުން ބުނެފައިވެއެވެ. އަދި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ 1،000 އަށް ވުރެ ގިނަ ޤައިދީން މިނިވަންކުރުން ވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

ނަމަވެސް، އިޒްރޭލުން އެއްބަސްވީ ސީދާ މި ހުށަހެޅުމަށް ކަމެއް އަދި ސާފެއް ނުވެއެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 56,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު