ENGLISH
01 ޖުލައި 2025
ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ޤަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
01 ޖުލައި 2025
|
ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުގެ ރިޔާސީ ޤަރާރުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވައިފިއެވެ.
ބައިނަލްއަޤްވާމީ މާލީ އެހީ ލިބުން ހުއްޓުވަން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް އަސަދުގެ ވެރިކަމުގައެވެ.
އަސަދުގެ ދިގުވެރިކަން ކުއްލި ގޮތަކަށް ވެއްޓުނީ، ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިންގެ ވަރުގަދަ ޙަމަލާތަކަށްފަހު، ބޮޑެތި ސަހަރުތައް ހިފުމާ ގުޅިގެންނެވެ.
ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަދެގަތުމާއެކު، ބައްޝާރު ވަނީ ރަޝިޔާއިން ހިމާޔަތް ހޯއްދަވައިގެން، ޤައުމު ދޫކޮށް ވަޑައިގެންފައެވެ.
އެއާ އެކު، އެޗްޓީއެސް އިން ވަނީ، އިންތިޤާލީ ސަރުކާރެއް ޤާއިމުކޮށްފައެވެ.
ވައިޓް ހައުސްއިން ބުނީ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ޓްރަމްޕް ނިންމެވީ، ސޫރިޔާ އަލުން އާރާސްތުކުރުމަށް އެހީތެރިވެދިނުމަށް ކަމަށެވެ.
ނަމަވެސް، ސޫރިޔާގެ އިންތިޤާލީ ސަރުކާރުން ޢަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން ބަލަމުންދާނެކަމަށް ވެސް ވައިޓް ހައުސްއިން ބުންޏެވެ.
މީގެތެރޭގައި، ސޫރިޔާއިން އިޒްރޭލާ ގުޅުން އިޔާދަކުރުން ހިމެނޭނެކަމަށް ވެސް ބުނެފައިވެއެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގައި، އިޒްރޭލާ އަލުން ގުޅުން ޤާއިމުކުރުމަކީ އެމެރިކާއިން ސޫރިޔާއަށް މަތިކޮށްފައިވާ ޝަރުތެކެވެ.
ސޫރިޔާގެ ޚާރިޖީ ވަޒީރު އަސަދު އަލް ޝިބާނީ ވިދާޅުވީ، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން، ސޫރިޔާގެ އިޤްތިޞާދު މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އެމެރިކާ އާ އެކު، ހުޅަނގުގެ ގިނަ ޤައުމުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެޗްޓީއެސް އިން އަލްޤައިދާ އާ އެކު މީގެ ކުރިން އޮތް ގުޅުމެވެ.
ނަމަވެސް، ސޫރިޔާގެ ސަރުކާރު ހިންގުމާ ޙަވާލުވުމަށްފަހު، ހުރިހާ ދީންތަކަށް ވެސް އިޙްތިރާމްކޮށް، ހައްޤުތައް ކަށަވަރުކޮށްދޭނެ ކަމުގެ ވަޢުދުތަކާ އެކު އެޗްޓީއެސްގެ ރާގު ވަނީ ބަދަލުކޮށްފައެވެ.
އެއާ އެކު، އެމެރިކާގެ އިތުރުން ހުޅަނގުގެ ބައެއް ޤައުމުތަކުން ވެސް މިހާރު ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން ފަށައިފައެވެ.