ENGLISH

23 ޖޫން 2025

Advertisement

އުރީދޫ ނޭޝަންގެ "އެޓޯލް އީ-ސްޕޯޓްސް ލީގު 2025" ގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ މަހުގެ 4 އާ ހަމައަށް

23 ޖޫން 2025

|

މުޙައްމަދު އަދުހަމް

މީގެކުރީން އުރީދޫން ބޭއްވި މުބާރާތެއްގެ ތެރެއިން. --ފޮޓޯ: އުރީދޫ

ރާއްޖޭގައި މުޅިން އަލަށް ބާއްވާ އުރީދޫ ނޭޝަންގެ "އެޓޯލް އީ-ސްޕޯޓްސް ލީގު 2025" ގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ރަށްރަށުގެ ޓީމުތައް ރަޖިސްޓަރީ ކޮށްގެން ކުރިއަށްގެންދާ ޕަބްޖީ މުބާރާތެކެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީ-ސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތެވެ.

އުރީދޫން ބުނީ، މި މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މި ޖޫން މަހުގެ 16 ވަނަ ދުވަހު ހުޅުވާލާފައިވާ ކަމަށެވެ. އަދި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

މުބާރާތް ކުރިއަށްދާގޮތަށް ބަލާއިރު، މިފަހަރު ބޭއްވޭ އުރީދޫ ނޭޝަންގެ އެޓޯލް ސްޕޯޓްސް ލީގުގެ ފުރަތަމަ މުބާރާތަކީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ، އެއްކޮށް އޮންލައިންކޮށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި އެކުލެވިގެންވާ ހަތަރު މަރުހަލާ އަކީ؛ އައިލެންޑް ކޮލިފައިންގ، ކުއާޓަރ ފައިނަލްސްގެ އިތުރުން ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސް އެވެ.

އުރީދޫ ނޭޝަންގެ އެޓޯލް އީ-ސްޕޯޓްސް ލީގުގައި ބައިވެރިވުމަށް ހުޅުވާލުން. --ފޮޓޯ: އުރީދޫ

މުބާރާތުގެ ޕްރައިޒް ޕޫލް:

މުޅިއެކު 50،000ރ. (ފަންސާސް ހާސް ރުފިޔާ) ގެ އަގުހުރި ޕްރައިޒް ޕޫލް ހިމެނޭ މުބާރާތުގެ ފައިސާގެ އިނާމު ބަހާލެވިފައިވަނީ ތިރީގައިމިވާ ގޮތަށެވެ.

  • ޗެމްޕިއަން: 25،000ރ. (ފަންސަވީސް ހާސް ރުފިޔާ)
  • ރަނަރަޕް: 12،000ރ. (ބާރަ ހާސް ރުފިޔާ)
  • ތިންވަނަ: 6،000ރ. (ހަ ހާސް ރުފިޔާ)
  • ހަތަރުވަނަ: 3،000ރ. (ތިން ހާސް ރުފިޔާ)
  • އެމްވީޕީ: 4،000ރ. (ހަތަރު ހާސް ރުފިޔާ)

މުބާރާތުގައި ބައިވެރިވުމުގެ ގައިޑްލައިން:

ޓީމް ސައިޒް: ކޮންމެ ޓީމެއްގައި މަދުވެގެން ހަ ކުޅުންތެރިން ހިމަނަންވާނެ އެވެ.

ޓީމަށް ނަންދިނުން: އެއް ރަށަކުން ގިނަ ޓީމްތަކެއް ބައިވެރިވާނަމަ، ޓީމު ނަންތަކުގައި ރަށުގެ ނަން (މިސާލަކަށް؛ އޭބީސީ ކާށިދޫ، ޑީއީއެފް ކާށިދޫ) ހިމަނަންވާނެ އެވެ.

ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިއަކު ހިމެނިދާނެ އެވެ.

އުރީދޫ ނޭޝަން އެޓޯލް އީ-ސްޕޯޓްސް ލީގަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިންގ ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން އިތުރުކުރި މުހިއްމު ބޮޅެކެވެ.

މި ފަހަރު މުޅިން އަލަށް ބާއްވާ މުބާރާތުގައި ގިނަ ރަށްތަކެއް ތަމްސީލުކުރުމަށް ގިނަ ޓީމުތަކެއް ބައިވެރިވާނެ ކަމަށް އުރީދޫން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު