ENGLISH

23 ޖޫން 2025

Advertisement

މެންޗެސްޓަރ ސިޓީން، އަލް-އައިން އިނދަޖައްސާލައިފި

23 ޖޫން 2025

|

އިސްމާއީލް ރާތިއު

ކްލައުޑިއޯ އެޗެވެރީ، ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ފޮޓޯ: އޭޕީ ނިއުސް

ފީފާ ކްލަބް ވޯލްޑްކަޕުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި މެންޗެސްޓަރ ސިޓީން، ޔޫއޭއީގެ އަލް-އައިން، 0-6 ގެ ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ. 

އެޓްލާންޓާގެ މާރސިޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސިޓީން 74 އިންސައްތަ ބޯޅަ ހިފަހައްޓާ، މެޗުގެ ބޮޑު ބައި ކޮންޓްރޯލް ކުރުމުގެ އިތުރުން، އެ ޓީމު ވަނީ މެޗު ފެށުމާއެކު ހުއްޓުމެއް ނެތި އަލް-އައިންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ސިޓީން ވަނީ ގޯލާ އަމާޒުކޮށް 11 ހަމަލާ، އަދި ގޯލާ އަމާޒު ނުވެ ފަސް ހަމަލާއެއް ފޮނުވާލާފައެވެ. އަލް-އައިން އަށް، ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. މެންޗެސްޓަރ ސިޓީގެ ގޯލްކީޕަރު، ސްޓެފަން އޯޓޭގާ ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ. ސިޓީން ވަނީ މެޗުގެ ކޮންމެ ހާފެއްގައި ތިން ލަނޑު ޖަހާފައެވެ.

މެޗު ފެށިގެން މާ ގިނައިރުތަކެއް ނުވެ، 8 ވަނަ މިނެޓުގައި ސިޓީގެ ފުރަތަމަ ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު، އިލްކޭ ގުންޑޮހާން އެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޓީމުގެ ދެވަނަ ލަނޑު، އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރު، ކްލައުޑިއޯ އެޗެވެރީ ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ތިންވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނޯވޭގެ ފޯވާޑް، އަރލިންގް ހާލަންޑް އެވެ.

ދެވަނަ ހާފުގައި، ސިޓީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ، ފުރަތަމަ ލަނޑުވެސް ޖަހައިދިން ގުންޑޮހާންއެވެ. މިއީ މެޗުގެ 73 ވަނަ މިނެޓުގައި، ޓީމުގެ ކެޕްޓަން، ބަރނާޑޯ ސިލްވާ ދިން ބޯޅައަކުން ގުންޑޮހާން ޖެހި ގޯލެކެވެ. ސިޓީގެ ފަސްވަނަ ލަނޑު، މެޗުގެ 84 ވަނަ މިނެޓުގައި އޮސްކަރ ބޮބް ކާމިޔާބުކުރި އިރު، މެޗުގެ 89 ވަނަ މިނެޓުގައި ސިޓީގެ ފަހު ލަނޑު ޖަހާފައިވަނީ ރަޔަން ޗޭރކީ އެވެ. 

މި ނަތީޖާއާއެކު ގްރޫޕް ޖީގެ ދެވަނައިގައި ސިޓީ އޮތީ، އެއްވަނައިގައި އޮތް ޔުވެންޓަސް އާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، އެޓީމަށްވުރެ ސިޓީން ޖަހާފައިވާ ލަނޑު މަދުވުމުންނެވެ. ޔުވެންޓަސް އިން ނުވަ ލަނޑު ޖަހާފައިވާއިރު، ސިޓީއަށް ޖެހިފައިވަނީ އަށް ލަނޑެވެ. 

ގްރޫޕުގެ އެއްވަނަ ޓީމު ކަށަވަރު ވާނީ، މި މަހުގެ 27 ވަނަ ދުވަހު ސިޓީ އާއި ޔުވެންޓަސް ބައްދަލުކުރާ މެޗަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު