ENGLISH

23 ޖޫން 2025

Advertisement

ޕަޗޫކާ ބަލިކޮށް، ގްރޫޕް އެޗްގެ އެއްވަނައަށް ރެއާލް

23 ޖޫން 2025

|

އިސްމާއީލް ރާތިއު

މެޗުގައި ލަނޑު ޖެހުމަށްފަހު، ރެއާލްގެ އަރްދާ ގޫލަރ އުފާފާޅުކުރަނީ-- ފޮޓޯ: އޭޕީ ނިއުސް

ފީފާ ކްލަބް ވޯލްޑް ކަޕުގައި ރޭ، ޕަޗޫކާ ބަލިކޮށް، ރެއާލް މެޑްރިޑް ގްރޫޕް އެޗްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ނޯރތު ކެރޮލައިނާގެ ޝާރލޮޓްގައި ހުންނަ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން، ރެއާލް މެޑްރިޑް މޮޅުވެފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ، ރެއާލް މެޑްރިޑްގެ ގޯލަށް، ޕަޗޫކާއިން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވަން ފެށި ނަމަވެސް، ރެއާލްގެ ބެލްޖިއަމް ގޯލްކީޕަރު، ތިބައުޓް ކޯޓުއާ ވަނީ ހުރިހާ ހަމަލާއެއް މަތަކޮށްފައެވެ. 

އަދި އެންމެ ފަހު ޑިފެންޑަރަކަށް ހުރެ، މެޗުގެ ހަތްވަނަ މިނެޓުގައި، ޕަޗޫކާގެ ކެޕްޓަން، ސޮލޮމޮން ރޮންޑޮން އަށް ކުރި ފައުލަކާ ގުޅިގެން ރެއާލް މެޑްރިޑްގެ ޒުވާން ޑިފެންޑަރު، ރައޫލް އެސެންސިއޯ އަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. މިއާއި ގުޅިގެން ލިބުނު ހިލޭޖެހުމުގައި އޮގަސްޓިން ޕަލަވެޗީނޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ފްރެން ގާސިއާ ދިން ބޯޅައަކުން ރެއާލް މެޑްރިޑްގެ ފުރަތަމަ ލަނޑު ޖަހައިދިނީ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންގްހަމް އެވެ. މީގެ ދެ ދުވަސް ކުރިން، ސައުތު އެފްރިކާގެ މާމެލޯޑީ ސަންޑައުންސް އަތުން ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވި މެޗުގައި އޭނާގެ ކޮއްކޮ، ޖޯބް ބެލިންގްހަމް ވެސް ވަނީ ލަނޑެއް ޖަހައިފައެވެ.

ރެއާލްގެ ދެވަނަ ލަނޑު، 43 ވަނަ މިނެޓުގައި ގޮންޒާލޯ ގާސިއާ ދިން ޕާހަކުން ޖަހާދީފައި ވަނީ ތުރުކީގެ ފޯވާޑް، އަރްދާ ގޫލާރ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ 0-2 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

އެ ޓީމުގެ ތިންވަނަ ލަނޑަކީ، ދެވަނަ ހާފުގައި ކުޅެން ނުކުތް ފޯވާޑް، ބްރަހީމް ޑިއާޒް ދިން ޕާހަކުން، ލޫކާ މޮޑްރިޗް ކުޅެން ނުކުތުމާ ހަމައަށް ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު، ޓީމުގެ ވައިސް ކެޕްޓަން، ފެޑެރީކޯ ވަލްވަރޑޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. ޕަޗޫކާގެ ހަމައެކަނި ލަނޑު، މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެކްސިކޯގެ ޒުވާން މިޑްފީލްޑަރު، އެލާޔަސް މޮންޓިއޭލް އެވެ. މި ނަތީޖާއާއެކު، ޕަޗޫކާ ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެ، މުބާރާތުން ކަޓައިފައެވެ.

މި ގްރޫޕުގައި ދެން ކުޅުނު މެޗުގައި ސަޢުދީ ޢަރަބިއްޔާގެ އަލް-ހިލާލް އަދި އޮސްޓްރިއާގެ ސަލްޒްބާގް ވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ރެއާލް އަށް ގްރޫޕްގެ އެއްވަނަ ލިބެނީ ސަލްޒްބާގް އާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ފައިދާ ގޯލުގެ ތަފާތުންނެވެ. ރެއާލް އަތުގައި ފައިދާ ދެ ގޯލް އޮތްއިރު، ސަލްޒްބާގް އަތުގައި އޮތީ އެންމެ ގޯލެކެވެ. 

ގްރޫޕް އެޗުގެ ފަހު މެޗުތައް ކުޅޭނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހު، ގްރޫޕްގެ އެއްވަނަ ކަށަވަރު ކުރަން ރެއާލް، ސަލްޒްބާގްއާ ދެކޮޅަށް ނުކުންނައިރު، އަލް-ހިލާލް އާ ދެކޮޅަށް ޕަޗޫކާ ނުކުންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު