ENGLISH
23 ޖޫން 2025
ފީފާ ކްލަބް ވޯލްޑްކަޕް ގްރޫޕް ޖީ: ގިނަ ގޯލުތަކެއް ފެންނާނެ ކަމަށް ބެލެވޭ ރެއެއް
22 ޖޫން 2025
|
އަލް-އައިން އާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހުމަށްފަހު ކޯލޯ މުއާނީ އުފާފާޅުކުރަނީ-- ފޮޓޯ: ޔުވެންޓަސް
ފީފާ ކްލަބް ވޯލްޑްކަޕުގެ ގްރޫޕް ޖީގައި މިރޭ ކުޅޭ ދެ މެޗުގައިވެސް ގިނަ ގޯލުތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
މިރޭ ކުޅޭ ގްރޫޕް ޖީގެ މެޗުތަކަށް ބަލާއިރު، ފުތަރަމަ މެޗުގައި ޔުވެންޓަސް ނުކުންނާނީ މޮރޮކޯގެ ވައިޑަޑް ކަސަބަލަންކާ އާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މެންޗެސްޓަރ ސިޓީ ނުކުންނާނީ ޔޫއޭއީގެ އަލް-އައިންއާ ދެކޮޅަށެވެ.
މި ގުރޫޕުގެ ފުރަތަމަ ބުރުގެ މެޗުތަކުގައި، ޔުވެންޓަސް ވަނީ އަލް-އައިން އަތުން 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އަދި މެންޗެސްޓަރ ސިޓީ ވަނީ، ކަސަބަލަންކާ އަތުން 0-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ގޯލު ޖެހި ކުޅުންތެރިންނަށް ބަލާއިރު، ޔުވެންޓަސްގެ ފޯވާޑް، ފްރާންސިސްކޯ ކޮންސެއިސާއޯ އަދި ރަންޑަލް ކޯލޯ މުއާނީ ވަނީ ދެ ގޯލު ޖަހާފައެވެ. އެ ޓީމުގެ އަނެއް ގޯލު ޖަހާފައިވަނީ ކެނަން ޔިލްޑިޒް އެވެ.
މެންޗެސްޓަރ ސިޓީގެ ގޯލުތައް ޖަހައިދީފައި ވަނީ ޖެރމައިން ޑޮކޫ އަދި ފިލް ފޯޑެން އެވެ. މިމެޗުގައި އެ ޓީމުގެ އެއް ނަންބަރު ފޯވާޑް، ނޯވޭގެ އަރލިންގް ހާލަންޑް ކުޅެން ނުކުމެފައި ވަނީ މެޗުގެ 59 ވަނަ މިނެޓުގައެވެ. ނަމަވެސް ކުރީ މެޗުގައި ސިޓީން ބޭނުންވާނެ ވަރަށް ގޯލު ޖެހިފައި ނުވާތީ މިރޭގެ މެޗުގައި ހާލަންޑް، ފުރަތަމަ އެގާރައިގައި ހިމަނަފާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ޔުވެންޓަސްގެ ފުރަތަމަ އެގާރައަށް ބަދަލެއް ގެނެސްފާނެ ކަމަކަށް ނުބެލެވެއެވެ.
ޔުވެންޓަސް އަދި ކަސަބަލެންކާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ. އަދި މެންޗެސްޓަރ ސިޓީ އަދި އަލް-އައިން ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ ހެނދުނު، 6:00 ގައެވެ.