ENGLISH
12 ޖުލައި 2025
ޕީއެސްޖީ ބަލިކޮށް، ބޮޓަފޯގޯއިން ފުޓުބޯޅައިގެ ދުނިޔެ ސިއްސުވާލައިފި
20 ޖޫން 2025
|
އިގޯރ ޖީސޫސް، ލަނޑު ޖެހުމަށްފަހު ސަޕޯޓަރުންނާއެކު އުފާފާޅުކުރަނީ-- ފޮޓޯ: އޭޕީ ނިއުސް
ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީ ބަލިކޮށް، ބޮޓަފޯގޯ އިން ފުޅުބޯޅައިގެ ދުނިޔެ ސިއްސުވާލައިފިއެވެ.
މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕުގައި ރާއްޖެ ގަޑިން މިއަދު ހެނދުނު 6:00 ގައި ކުޅުނު މެޗުން ބްރެޒިލްގެ ބޮޓަފޯގޯ އިން ފްރާންސްގެ ޕީއެސްޖީގެ މައްޗަށް ކުރިހޯދާފައި ވަނީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައި ވަނީ ބޮޓަފޯގޯއަށް ކުޅެމުން އަންނަ، ބްރެޒިލްގެ ޒުވާން ފޯވާޑް، އިގޯރ ޖީސޫސް އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައި ވަނީ ޖެފަރސަން ސަވަރީނޯ ދިން ޕާހަކުންނެވެ. ޖީސޫސްގެ ހަމަލާ ގޯލަށް ވަނީ، އޭނާ ކުރިމަތީގައި ހުރި ޕީއެސްޖީގެ ޑިފެންޑަރު، ވިލިއަން ޕަޗޯގެ ފައިގައި ޖެހިފައި، ބޯޅައިގެ މިސްރާބު ބަދަލުވުމުން، ކީޕަރު ޑޮނަރޫމާއަށް ދާނެ ކޮޅެއް ނޭނގިފައި ހުއްޓައެވެ.
މި ދެ ޓީމު ހިމެނޭ ގްރޫޕް ބީގައި ދެން ކުޅުނު މެޗުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވަނީ އެމެރިކާގެ ސީޓްލް ސައުންޑާޒް، 1-3 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
މި ނަތީޖާތަކާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ، ބޮޓަފޯގޯއެވެ. ޕީއެސްޖީ އަދި އެތުލެޓިކޯ މެޑްރިޑް ޕޮއިންޓުގެ ގޮތުން އެއްވަރު ނަމަވެސް ޕީއެސްޖީ ދެވަނައިގައި އޮތީ ފައިދާ ތިން ގޯލާއެކުއެވެ. އެތުލެޓިކޯ މެޑްރިޑްގެ ފައިދާ ގޯލު އުޅެނީ މައިނަސް ދޭއްގައެވެ. ގްރޫޕްގެ ފުލުގައި ސިއާޓްލް ސައުންޑަރޒް އޮތީ، ކުޅުނު ދެ މެޗުންވެސް ބަލިވެގެންނެވެ.
މި ގްރޫޕުގެ މެޗުތައް ދެން ކުޅޭނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު، ބޮޓަފޯގޯ އާއި ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ނުކުންނައިރު، ޕީއެސްޖީ އާއި ދެކޮޅަށް ނުކުންނާނީ ސީޓްލް ސައުންޑާޒް އެވެ.