ENGLISH
20 ޖޫން 2025
މެސީ ހުރީ ފިޓްކޮށް، ޕޯޓޯއާ ދެކޮޅަށް ކުޅޭނެ: މަޝެރާނޯ
19 ޖޫން 2025
|
އިންޓަރ މިއާމީގެ ކެޕްޓަން، މެސީ. ފޮޓޯ: ގެޓީ އިމޭޖަސް
ފީފާ ކްލަބް ވޯލްޑް ކަޕްގައި މިރޭ ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށް އިންޓަރ މިއާމީ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ، 37، ކުޅޭނެ ކަމަށް ކޯޗު ހަވިއޭ މަޝެރާނޯ ބުނެފިއެވެ.
މަޝެރާނޯ މިހެން ބުނީ، ޕޯޓޯއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ކްލަބް ވޯލްޑް ކަޕުގައި މިއާމީ ކުޅުނު ފުރަތަމަ މެޗުގައި މިސްރުގެ އަލް އަހްލީއާ 0-0 އިން އެއްވަރުވި މެޗުގައި މެސީ އަށް އަނިޔާވެފައިވާކަން ދައްކުވައިދޭ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން، އެ ކަމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެމުން މަޝެރާނޯ ބުނީ، މެސީ އަށް އެފަދަ އަނިޔާއެއް ކުރިމަތިވެފައިނުވާ ކަމަށެވެ.
"އަހަރެންނަށް ވެސް ފެނުނު ބައެއް ތަންތާނގައި އެކަމާ ބެހޭ ގޮތުން ވާހަކަދެކެވެމުންދާ ތަން. އެކަމަކު ނޫން... ނޫން، އެއީ އެއްވެސް ކަމެއް ނޫން. (މެސީ) ރަނގަޅު،" މަޝެރާނޯ ބުންޏެވެ.
މަޝެރާނޯ ބުނީ، އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި ވެސް މެސީ އެންމެ ފުރިހަމައަށް ބައިވެރިވެފައިވާ ކަމަށެވެ. އެންމެ ފަހުން ކުޅުނު މެޗަށްފަހު މެސީގެ ފައިގެ ކުޑަހުޅުގައި އަތްއަޅައިގެން ހުރި ފޮޓޯތަކެއް މީޑިއާގައި ދައުރުވަމުން އައިނަމަވެސް އޭނާ އަށް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމުގެ ޔަގީންކަން މަޝެރާނޯ ދިނެވެ.
ކުރިއަށް އޮތް މެޗުގައި މެސީ ކުޅޭނެކަމާމެދު އެއްވެސް ޝައްކެއްނެތް ކަމަށް ވެސް މަޝެރާނޯ ބުންޏެވެ.
މުޅިން އައު ފޯމެޓަކަށް ފީފާ އިން ތަޢާރަފްކުރި ކްލަބް ވޯލްޑް ކަޕްގައި މިއާމީ ކުޅުނު ފުރަތަމަ މެޗުގައި މެސީ ވަނީ، 90 މިނެޓު ފުރިހަމަކޮށްފައެވެ. މުބާރާތުގެ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުތަކަށްފަހު ހަތަރު ޓީމަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕުގައި މިއާމީ އާއި އަލް އަހްލީ އަދި ޕޯޓޯގެ އިތުރުން ދެން ހިމެނެނީ، ބްރެޒިލްގެ ކްލަބް ޕަލްމެއިރާސް އެވެ.
މި މުބާރާތުގައި މެސީގެ މިއާމީއާއި ޕޯޓޯ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.