ENGLISH
18 މޭ 2025
ރެއާލަކީ ހިތުން ހާއްސަ ޖާގައެއް ލިބިފައިވާ ކުލަބެއް: އަންޗެލޮޓީ
13 މޭ 2025
|
ރެއާލްގެ ކޯޗު، އަންޗެލޮޓީ. --ފޮޓޯ: ރޮއިޓާސް
ސްޕެއިނުގެ ރެއާލް މެޑްރިޑަކީ ހިތުން ހާއްސަ ޖާގައެއް ހޯދައި، ދާއިމީގޮތެއްގައި ދެމި އޮންނާނެ ކުލަބެއް ކަމަށް އެ ޓީމުގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
އަންޗެލޮޓީ މިހެން ބުނީ، މި ސީޒަނަށްފަހު ރެއާލް ދޫކޮށްލައި، ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވާނެކަން ރަސްމީކޮށް އިޢުލާންކުރުމަށްފަހު ދިން ފުރަތަމަ އިންޓަވިއު ގައެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް) އިން ހޯމަ ދުވަހު ވަނީ، އަންޗެލޮޓީ އެ ގައުމުގެ ސީނިއާ ފުޓްބޯޅަ ޓީމާ ހަވާލުވާނެކަން ކަށަވަރުކޮށްދީފައެވެ.
ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވުމަށްފަހު ބޭއްވީ ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި އަންޗެލޮޓީ ދެއްކި ވާހަކައިގައިވަނީ، ފުޓްބޯޅަ އަކީ ވެސް ދިރިއުޅުމެކޭ އެއްފަދައިން ފެށުމަކާއެކު ނިމުމެއްވާ ކަމެއް ކަމަށް ބުނެފައެވެ.
"އަހަރެން ރެއާލަށް އައީވެސް އެއް ދުވަހަކުން މިކަން ނިމޭނެކަން އެނގިހުރެ. އެ ދުވަހަކީ މެއި މަހުގެ 25 ވަނަ ދުވަސް،" އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީ ބުނީ، އޭނާ ބޭނުންވަނީ ރަނގަޅަށް ނިންމާލަން ކަމަށާއި، އެއީ ޕްރޮފެޝަނަލީ އެދޭ ގޮތް ކަމަށެވެ. އަދި، އެއަށްފަހު މެއި މަހުގެ 26 ވަނަ ދުވަހު ދެން ކުރިމަތިލާ ޗެލެންޖާ ގުޅޭގޮތުން ވާހަކަދައްކާނެ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީ ވަނީ، މިހާތަނަށް ރެއާލާ އެއްވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށާއި، އަދި ކުރިއަށް އޮތް ތާނގާއި އެހެން އެގޮތަށް ވެދާނެ ކަމަށް ވެސް ނުދެކޭ ކަމަށް ބުނެފައެވެ.
"މިއީ އަހަރެންގެ ހިތުގައި އަބަދަށް ދެމި އޮންނާނެ ކުލަބެއް. އުމުރަށް ދެމިހުންނާނެ ފަދަ ހަނދާންތަކެއް އެބަހުރި،" އަންޗެލޮޓީ ބުންޏެވެ.
ރެއާލްގައި ހޭދަކުރީ މިދިޔަ ހަތަރު އަހަރާއި، ދެ ފަހަރެއްގެ މަތީން މުޅިއެކު ހަ އަހަރު ތެރޭގައި އެ ޓީމަށް އިރުޝާދު ދީ، އަންޗެލޮޓީ ވަނީ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައި، ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.