ENGLISH
18 މޭ 2025
ބޫޓާނާ އެއްވަރުކޮށް، ރާއްޖެ ސެމީ އަށް
13 މޭ 2025
|
ބޫޓާން ކޮޅަށް ލަނޑުޖެހުމަށް ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ސާފް
އިންޑިއާގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނާ 2-2 އިން އެއްވަރުކޮށް، ދިވެހިރާއްޖެ އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާގައި ހުންނަ ގޯލްޑެން ޖުބިލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ބޫޓާނުން ލީޑު ނެގީ ލާމް ޓެންޒިން ކާމިޔާބުކުރި ގޯލުންނެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ގައުމީ ޓީމުން އެއްވަރުކުރީ އައިދު މުޙައްމަދު ޖަވީޒު އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި އައްޝާމް އިބްރާހިމް މުޙައްމަދު ވަނީ ރާއްޖެ އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.
މި ނަތީޖާގައި އޮވެ، މެޗު ނިމެންދަނިކޮށް އިތުރުވަގުތުގެ ހަވަނަ މިނެޓުގައި ޗޮގްޔެލް ޝެރާބް ވަނީ ބޫޓާނަށް އެއްވަރުކޮށްދީފައެވެ.
މި މެޗުން ހޯދީ ޕޮއިންޓާއެކު ރާއްޖޭން ވަނީ ދެ ޕޮއިންޓް ހަމަކޮށް، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދައިފައެވެ. މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ބަންގްލަދޭޝް ސެމީ އަށް ދަތުރުކުރީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.
މުބާރާތުގެ ސެމީގައި ރާއްޖެ ނިކުންނާނީ ގްރޫޕް ބީ ގެ އެއްވަނަ ޓީމާ ދެކޮޅަށެވެ. އެ ގްރޫޕުގެ އެއްވަނަ ޓީމު ކަށަވަރުވާނީ މިރޭ އިންޑިއާއާ ނޭޕާލް ކުޅޭ މެޗަށްފަހު އެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ކުޅޭނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.