ENGLISH
18 މޭ 2025
ޓީސީ އަތުން ނިއު މޮޅުވެއްޖެ
13 މޭ 2025
|
ޓީސީއާ ނިއު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އެމްއެމް
މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-1 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މޮޅުވެއްޖެއެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި ނިއުގެ ފުރަތަމަ މޮޅެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވީ 5-1 އިންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ނިއު އިން ޖެހި ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ.
މި މެޗުގައި ނިއު އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ގާނާގެ ފޯވާޑް، ރަފީގް އަމީނޫ އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މޫސާ ޔާމީން އާއި އާދަމް ނާސިހު އެވެ.
ޓީސީގެ ހަމައެކަނި ލަނޑުޖެހީ ޒަޔާން ޒާހިރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުގެ ފޯވާޑް، ރަފީގް އަމީނޫ އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ މަހިބަދޫ ސްޕޯޓްސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.