ENGLISH
18 މޭ 2025
އަންނަ މަހު ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ދެ މެޗުގައި ކޯޗުކަން ކުރާނީ ސުޒޭން
12 މޭ 2025
|
ގައުމީ ޓީމުގެ ކޯޗު ސުޒޭން.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އަންނަ މަހު ކުޅޭ ދެ މެޗުގައި، ޓީމަށް އިރުޝާދުދޭނީ މިހާރު ވެސް އެ ޒިންމާ ނަގަމުން އަންނަ އަލީ ސުޒޭން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމް އިން ދާދިފަހުން ވަނީ ގައުމީ ޓީމުގެ ކޯޗުކަމުގެ ވަޒީފާ އިއުލާނުކޮށްފައެވެ. ތިން މަސް ދުވަހުގެ މުއްދަތަކަށް ކޯޗެއް ހޯދަން އިއުލާނުކުރީ، އަންނަ މަހު ބާއްވަން ތާވަލުކުރި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިން އޮތުމުންނެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕް ކެންސަލްވުމުން އެފްއޭއެމް އިން މިހާރު ނިންމާފައިވަނީ މިހާރުވެސް ޓީމަށް ކޯޗުކަން ކޮށްދެމުން އަންނަ ސުޒޭނާއެކު ކުރިއަށްދާށެވެ.
ސުޒޭން ގައުމީ ޓީމުގައި ދެމިހުންނާނެކަން މީޑިއާއަށް ކަށަވަރުކޮށްދިނީ ނޯމަލައިޒިން ކޮމިޓީގެ މެމްބަރު އިސްމާއީލް ސިމަން އެވެ.
ކޯޗުކަމަށް ހުޅުވާލި ފުރުސަތުގައި މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި މުހައްމަދު ޝިޔާޒް (މޯހަން) ވެސް އެ މަގާމަށް ކުރިމަތިލިއެވެ. އެހެންނަމަވެސް، އެފްއޭއެމް އިން ފަހުން ވަނީ އާ ކޯޗެއް ހޯދުމުގެ ވިސްނުން ދޫކޮށްލައިފައެވެ.
ސުޒޭން ގައުމީ ޓީމުގެ ކޯޗުކަމާ ވަގުތީގޮތުން ހަވާލުވީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭގެކުރިން ސުޒޭން ހުރީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމުގައެވެ. އޭގެފަހުން ސުޒޭންގެ ކޯޗުކަމުގައި ގައުމީ ޓީމުން ހަތަރު މެޗު ވަނީ ކުޅެފައެވެ. އޭގެތެރެއިން ރާއްޖެ މޮޅުވީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ އެއް މެޗުންނެވެ. އެކުވެރިކަމުގެ އަނެއް މެޗުގައި ބަންގްލަދޭޝް އަތުން ބަލިވިއިރު އިންޑިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ވެސް ބަލިވިއެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ގައުމީ ޓީމު ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. ރަށުން ބޭރުގައި ކުޅޭ އެ މެޗަކީ އެކުވެރިކަމުގެ މެޗެކެވެ. އޭގެފަހުން އަންނަ މަހުގެ 10 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމު ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.
ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ފިލިޕީންސް އަތުން ރަށުން ބޭރުގައި 1-4 އިން ބަލިވެފައެވެ. ފިލިޕީންސްއާއި ޓިމޯ ލެސްޓޭގެ އިތުރުން ކޮލިފައިންގައި ރާއްޖެ ގްރޫޕުގައި ހިމެނެނީ ތަޖިކިސްތާނެވެ.