ENGLISH

18 އޭޕްރީލު 2025

Advertisement

ރާއްޖޭގައި އިމާރާތްކުރާ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލުގެ ބިންގާ އަޅައިފި

10 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލް ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ޕިއެސްއެމް

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުމާލޭގައި ޤާއިމުކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ސްވިމިންގ ޕޫލްގެ ބިންގާ އަޅައިފިއެވެ.

މިހާރު އިމާރާތް ކުރަމުންދާ އެކުއެޓިކް ކޮމްޕްލެކްސްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލްގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އާއި އެ ޕޫލަށް ފަންޑްކޮށްދެއްވާ ވިޔަފާރިވެރިޔާ، ހުސެއިން އަފީފް (ޗަމްޕާ) ގެ އިތުރުން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، މުޙައްމަދު ޢަބްދުލް ސައްތާރު (ޗަމްޕީ) އެވެ.

މީގެއިތުރުން، ސްވިމިންގ ޕޫލްގެ ކޮންޓްރެކްޓަރ މާލާ ހައިރައިޒިންގ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ، އަލީ އިސްމާއިލް އާއި ފެތުމުގެ ކުޅިވަރުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑަލް ހޯދައިދިން ފެތުންތެރިޔާ، އާމިނަތު ޝަޖަން ވެސް ބިންގާ އެޅުމުގައި ބައިވެރިވިއެވެ.

މިހާރުގެ ސްޕޯޓްސް ކޮމްޕްލެކްސްއާ ޖެހިގެން އޮތް ބިމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގިނަ އަދަދެއްގެ ފެތުންތެރިންނާއި ކޯޗުންގެ އިތުރުން ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

ސްވިމިންގ ޕޫލްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އިސްމާއިލް ތޯރިގް / އިމޭޖަސް.އެމްވީ

ހަތަރު ބުރި އަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި އެކުއެޓިކް ކޮމްޕްލެކްސް ތައްޔާރުކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ސްވިމިންގެ ތަމްރީންތައް ކުރިއަށްގެންދެވޭނެ ގޮތަށެވެ. މި ކޮމްޕްލެކްސް ނިމިގެންދާއިރު، އޮލިމްޕިކް ސައިޒުގެ (50 މީޓަރު ދިގުމިނުގެ، ފުޅާ މިނުގައި 25 މީޓަރުގެ) ޕޫލެއްގެ އިތުރުން ވޯލްޑް އެކުޓިކްސް ސަޓިފައިޑް ޑައިވިންގ ޕޫލަކާއި، 1200 މީހުންނަށް ކުޅިބަލަން ތިބެވޭނެ އިންތިޒާމްތައް ވެސް ހަމަޖެހިފައި ހުންނާނެ އެވެ.

މި ސްވިމިންގ ޕޫލާ ގުޅޭގޮތުން، ވަޒީރު ރާފިޢު ވަނީ، ބައިނަލްއަގުވާމީ ގޭމްސް ބޭއްވުމަށް ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްވިމިންގ ޕޫލެއް ނެތުންކަމަށާއި، މި ފެސިލިޓީއާއެކު އެފަދަ މުބާރާތްތައް ބޭއްވުމަށް އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި، މި ސްވިމިންގ ޕޫލްގެ ސަބަބުން ރާއްޖޭގެ ސްވިމިންގ އިތުރު ހަރުފަތަކަށް ގެންދެވި، ކުޅުންތެރިންނަށް ވެސް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސްވިމިންގ ޕޫލުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް، އިސްމާއިލް އަލީ ވިދާޅުވީ، އެ ތަނުގެ މަސައްކަތް ނިންމާލުމަށްފަހު އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ފެތުމުގެ ގައުމީ މުބާރާތް ބޭއްވުމަށް އަމާޒުހިފާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު