ENGLISH
11 އޭޕްރީލު 2025
މުސްތަގުބަލުގައި އޭއައި މެދުވެރިކޮށް ރެފްރީކަން ކުރާނެ: ޕޮސްޓެކޮގްލޫ
04 އޭޕްރީލު 2025
|
ޓޮޓްނަމްގެ ކޯޗު، ޕޮސްޓެކޮގްލޫ. --ފޮޓޯ: ރޮއިޓާސް
ފުޓްބޯޅަ ކުޅުމުގައި މުސްތަގުބަލުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް، ރެފްރީކަން ކުރާތަން ފެންނާނެ ކަމަށް ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު، އަންގޭ ޕޮސްޓެކޮގްލޫ ބުނެފިއެވެ.
ޕޮސްޓެކޮގްލޫ މިހެން ބުނީ، ޗެލްސީ އަތުން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރޭ ކުޅުނު 'ލަންޑަން ޑާބީ' ގައި ޗެލްސީ އަތުން ބަލިވި މެޗަށްފަހު ހިތްހަމަނުޖެހިފައިހުރެ ވާހަކަދައްކަމުން ޕޮސްޓެކޮގްލޫ ބުނީ، ވަރަށް އަވަހަށް އޭއައިގެ އެހީގައި ރެފްރީކަން ކުރާނެ ކަމަށެވެ.
އެ މެޗުގެ 69 ވަނަ މިނެޓުގައި ޓޮޓްނަމްގެ ސާރ ޖެހި ގޯލުން ނަތީޖާ އެއްވަރުވުމުން، ރެފްރީ ކްރެއިގް ޕޯސަން ވަނީ ވީއޭއާރްގެ އިރުޝާދާއެކު ޕިޗްސައިޑްގައި ހުރި މޮނީޓަރުން އިތުރަށް ބެލުމަށްފަހު އެ ލަނޑު ބާޠިލުކޮށްފައެވެ.
މިކަމާ ގުޅިގެން، ޕޮސްޓެކޮގްލޫ ވަނީ، ރޭގެ މެޗުގައި ޓޮޓްނަމްގެ މިޑްފީލްޑަރު، ޕާޕޭ ސާރ ޖެހި ގޯލު ބަލައިނުގަތުމަށް ނިންމި ނިންމުމުގައި ވީއޭއާރް އިން ގިނަވަގުތު ހޭދަކޮށްފައިވާ ކަމަށް ބުނެ، ފާޑުކިޔައިފައެވެ.
"ކޮންމެވެސް ހުޝިޔާރު، ކުޅަދާނަ މީހަކު ކުޅުންތެރިން ނުލައި ކުޅޭގޮތަށް އީޖާދުކުރުމުން އަހަރެމެން ކުޅުންތެރިން ބޭނުން ނުކުރަން ނިންމަފާނެ. އެއީ، ރެފްރީން އެ މީހުންގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރާތީވެ،" ހިތްހަމަނުޖެހިފައިހުރެ ޕޮސްޓެކޮގްލޫ ބުންޏެވެ.
ޕޮސްޓެކޮގްލޫ ބުނީ، އޭނާ ދެކޭގޮތުގައި ރޭގެ މެޗުގައި ކުރީ ފައުލެއްކަން ނުވަތަ ނޫންކަން މުހިއްމު ނޫން ކަމަށާއި، ވީއޭއާރް ގެނައީ ސާފުކޮށް ފެންނަ ބޮޑެތި ކުށްތައް، ހެދޭ ގޯސްތައް ރަނގަޅު ކުރުމަށް ކަމަށެވެ. އެފަދަ ނިންމުމެއް ނިންމަން ރޭގެ މެޗުގައި މުޅިއެކު ހަ މިނެޓު ނަގާފައިވާ ކަމަށް ޕޮސްޓެކޮގްލޫ ފާހަގަކުރިއެވެ.
މީގެ ސަބަބުން ކުޅިވަރަށް ކުރާނެ ފައިދާއެއް އޭނާ ނުދެކޭ ކަމަށާއި، ރެފްރީގެ ނިންމުމާ އެއްގޮތަށް ރޭގެ މެޗުގައި އެންމެފަހުގެ ނިންމުން ނިންމިނަމަ އެއްވެސް މީހަކު އެކަމާ ޝަކުވާނުކުރާނެ ކަމަށް ވެސް ޕޮސްޓެކޮގްލޫ ބުންޏެވެ.
ރޭގެ މެޗުން ބަލިވި ޓޮޓްނަމް މިވަގުތު އުޅެނީ ލީގުގެ 14 ވަނައިގައެވެ. އެ ޓީމަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެއަށްފަހު، އަންނަ ބުރާސްފަތި ދުވަހު ޔުއެފާ ޔުރޮޕާ ލީގުގައި އެ ޓީމު ބައްދަލުކުރާނީ ޖަރުމަނުގެ އެއިންޓްރަކްޓް ފްރެންކްފާޓްއާ އެވެ.