ENGLISH

11 އޭޕްރީލު 2025

Advertisement

މަރެސްކާގެ ނިންމުންތަކުގެ ސަބަބުން ފަހަރުގައި ޓޮޓްނަމް އަތުން ޗެލްސީ މޮޅުނުވީސް ކަމަށް ބުނެފި

04 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޗެލްސީގެ ކޯޗު، މަރެސްކާ. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގެ ފަހުބައިގައި ގެނައި ބަދަލުތަކުގެ ސަބަބުން، ފަހަރުގައި ޓޮޓްނަމް ހޮޓްސްޕަރ އަތުން މޮޅުނުވީސް ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުން ޗެލްސީ މޮޅުވާންދަނިކޮށް، މަރެސްކާ ބުނީ، ފަހު ވަގުތުކޮޅުގެ ތެރޭގައި ޑިފެންސިވް ބަދަލުތަކެއް ގެނެވުނީ އިތުރު ވަގުތުގެ ގޮތުގައި 12 މިނެޓު ދެއްކިކަން ނޭނގެނީސް ކަމަށެވެ.

"ފުރަތަމަ ހާފުގައި އަހަރެމެން ވަރަށް ގިނަ ފުރުޞަތުތައް ތަނަވަސްކުރިން. އެކަމަކު ތެދު ތެދަށް ބުނަންޏާ... އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ކިތައް މިނެޓުކަން ޔަގީން ނުކޮށް އެ ވަގުތުކޮޅުގެ ތެރޭގައި ޑިފެންސިވް ބަދަލުތަކެއް ގެނައުމަކީ އަހަރެންނަށް ހެދުނު ގޯހެއް،" ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރެސްކާ ބުންޏެވެ.

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ފެނާންޑޭޒް (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

މަރެސްކާ ބުނީ، އިތުރު ވަގުތުގެ ގޮތުގައި 12 މިނެޓު ދެއްކުމުން އެފަދަ ޑިފެންސިވް ބަދަލެއް ގެނައުމަކީ ފަހަރެއްގައި މާއަވަހަށް ނިންމުނު ނިންމުމެއް ކަމަށް އޭނާ އަށް ވިސްނުނު ކަމަށެވެ. އެހެންނަމަވެސް، ނަސީބު ދިމާކުރިގޮތުން އޭނާގެ ޓީމަށް މެޗު ކާމިޔާބުކުރެވުމުން އުފާވާ ކަމަށް މަރެސްކާ ބުންޏެވެ.

ރޭގެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެންޒޯ ފެނާންޑޭޒް ވައްދާލި ލަނޑުން ޗެލްސީ މޮޅުވާންދަނިކޮށް، އެންމެ ފަހު މިނެޓުގައި މަރެސްކާ ވަނީ، ބޮޑަށް ދިފާއީ ކުޅުމަށް އިސްކަން ދިނުމުގެ ގޮތުން، ކޯލް ޕާމާ އާއި ފެނާންޑޭޒްގެ ބަދަލުގައި ކިއެނާން ޑޫސްބަރީ-ހޯލް އާއި ޑިފެންޑަރު، ޓޮސިން އަޑަރާބިއޮޔޯ ކުޅެން ނެރެފައެވެ.

މި ބަދަލުތަކާއެކު ޓޮޓްނަމުން ކުރިއަށްވުރެ ބޮޑަށް އެޓޭކުތައް ގިނަކޮށް، ލަނޑެއް ޖެހުމަށް ކުރި މަސައްކަތުގައި ވަރަށް ބޮޑަށް ކުރިއަށްޖެހިލައިގެން ކުޅެން ފެށިއެވެ. އެވަގުތުކޮޅުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ފެނުނު ދެ ގޯލެއް ވަނީ، ވީއޭއާރް އިން ބެލުމަށްފަހު ކެންސަލްކޮށްފައެވެ.

ޗެލްސީއާ ޓޮޓްނަމް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

މެޗަށްފަހު މަރެސްކާ ވަނީ، ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށާއި، ޚާއްސަކޮށް ގަދަ ހަތަރެއްގެ ރޭހުގައި ކުރިއަށްޖެހިލައި އަންނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އެ ޓީމަށް އައު ހިތްވަރެއް ލިބި، ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެ ކަމަށް ތައުރީފުކޮށްފައެވެ.

މަރެސްކާ ބުނީ، ޓީމެއްގެ ގޮތުގައި ޗެލްސީން ފެންނަން ބޭނުންވާނަމަ، ރޭގެ މެޗުގައި ފަހު 10 މިނެޓުގެ ތެރޭގައި އެ ޓީމުން ދެއްކިފަދަ ކުޅުން ތަކުރާރުކޮށް، ކޮންމެ ގޮތެއްވެސް ހަދާފައި މެޗު ކާމިޔާބުކުރުމުގެ އަޒުމުގައި ކުޅެންޖެހޭ ކަމަށެވެ.

މަރެސްކާގެ ވާހަކަތައް ނިންމާލަމުން ވަނީ، އަނިޔާއަށް ފަހު ސެނެގޯލްގެ ފޯވާޑް، ނިކޮލަސް ޖެކްސަން އެނބުރި ޓީމާ ގުޅިފައިވުމުން ޗެލްސީ އަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި، ޚާއްސަކޮށް ރޭގެ މެޗުގައި ޖެކްސަންގެ ފަރާތުން ފެނުނު ޕްރެސިންގ ގޭމުގެ ސަބަބުން ޓޮޓްނަމްގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިވި ކަމަށް ވެސް މަރެސްކާ ފާހަގަކުރިއެވެ.                   

ކިޔުންތެރިންގެ ހިޔާލު