ENGLISH
19 އޭޕްރީލު 2025
ޑޯޓްމުންޑް ބަލިކޮށް ފްރެންކްފާޓުން ތިންވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2025
|
ފްރެންކްފާޓްއާ ދެކޮޅަށް ޑޯޓްމުންޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޑޯޓްމުންޑް
ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ބޮރޫޝިއާ ޑޯޓްމުންޑް 2-0 އިން ބަލިކޮށް، އެއިންޓްރަކްޓް ފްރެންކްފާޓް ތާވަލްގެ ތިންވަނައިގައި ހަމަޖެހިލައިފިއެވެ.
މިއީ ލީގުގައި ޑޯޓްމުންޑް ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. އަދި، މިއީ ފްރެންކްފާޓުން ޖެހިޖެހިގެން މޮޅުވި ތިންވަނަ މެޗު ވެސް މެއެވެ.
މި ނަތީޖާއާއެކު، ފްރެންކްފާޓް އޮތީ ތިންވަނައިގައެވެ. ތާވަލްގެ ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަންއާއި ފްރެންކްފާޓްއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. އެއްވަނައިގައި އުޅޭ ބަޔާން މިއުނިކަށް ލިބިފައިވަނީ 17 މެޗުން 42 ޕޮއިންޓެވެ. ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި ލެވަކޫސަން އޮތްއިރު، ފްރެންކްފާޓަށް 18 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.
ރޭގެ މެޗަށް ފްރެންކްފާޓް ނުކުތްއިރު އެ ޓީމުގެ ފޯވާޑްލައިންގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، މިސްރުގެ ފޯވާޑް، އޮމަރް މަރްމޫޝް ނުކުޅެއެވެ. މެޗުގެ ކުރިން، ފްރެންކްފާޓް ވަނީ މަރްމޫޝްގެ ޓްރާންސްފަރއާ ގުޅޭ މަޝްވަރާތައް އިނގިރޭސި ކުލަބަކާއެކު ކުރިއަށްގެންދާ ކަމަށް ބުނެފައެވެ.
ފްރެންކްފާޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ކޮންމެ ހާފެއްގައި ގޯލެއް ޖަހައިފައެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދިނީ ހޫގޯ އެކިޓީކޭ އެވެ. ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ފްރެންކްފާޓްގެ ދެވަނަ ލަނޑުޖަހައިދިނީ އޮސްކާ ހޮއިލުންޑް އެވެ.
މި މެޗުން ބަލިވި ޑޯޓްމުންޑް އޮތީ 10 ވަނައިގައެވެ. އެ ޓީމަށް 18 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.