ENGLISH

23 ޖުލައި 2026

Advertisement

ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިއްމު ފިޔަވަޅެއް؛ ނިއުކިއިކް އެސިޑް ޓެސްޓިން ތައާރަފުކޮށްފި

23 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

އަލަށް ތައާރަފުކުރެވުނު ޓެސްޓުކުރުމަށް ބޭނުންކުރާ މެޝިންތައް އޮޕަރޭޓުކުރަނީ، ފޮޓޯ: އެކްސް

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ބްލަޑް ސާވިސްއިން ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ނިއުކްލިއިކް އެސިޑް ޓެޓިން ހިދުމަތް މިއަދު ތައާރަފުކޮށްފިއެވެ. 

މި ހިދުމަތް ތައާރަފުކުރުމާ ގުޅިގެން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ހިދުމަތަކީ ދިވެހިރާއްޖޭގެ ލޭގެ ހިދުމަތް ޒަމާނީ ފެންވަރަށް ގެންދިއުމުގައި ހާސިލުވި ވަރަށް މުހިއްމު ތާރީހީ މަރުހަލާއެއް ކަމަށެވެ. 

ސީއީއޯ ވިދާޅުވި ގޮތުގައި މި ޓެސްޓަކީ މީހުން ހަދިޔާކުރާ ލޭގައި ހުރެދާނެ ހެޕަޓައިޓިސް ބީ އެޗްއައިވީއާއި ހެޕަޓައިޓިސް ސީ ފަދަ ބަލިތައް މިހާރު ހަދާ އާދައިގެ ޓެސްޓުތަކަށްވުރެ އެތައް ގުނައެއް ހަލުއިކޮށް ދެނަގެނެވޭ ޓެސްޓެކެވެ. އަދި މި ޓެސްޓަކީ ނަތީޖާގެ ޔަގީންކަން ބޮޑު ޓެސްޓެއްކަންވެސް ސީއީއޯ ފާހަގަކުރެއްވިއެވެ. 

ހަލީމު ވިދާޅުވީ މި ޓެސްޓަކީ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންކުރަމުންދާ އެންމެ ފަހުގެ ޓެކްނޮލިޖީ ކަމަށެވެ. 

"ޚާއްސަ ގޮތެއްގައި، މި ޚިދުމަތް ތައާރަފް ކުރެވިގެން ދިޔުމަކީ، ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ވަޢުދުފުޅުތަކާ އެއްގޮތަށް، ލޭގެ ޚިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިޔުމަށް އެޅުނު މުހިއްމު ޤައުމީ އަދި ތާރީޚީ މަސައްކަތެއްގެ ފެށުން،" ސީއީއޯ ވިދާޅުވިއެވެ. 

އަދި މިއީ ލޭގެ ހިދުމަތުގެ ގައުމީ މިންގަނޑުތަކާއި މޯލްޑިވްސް ތެލެސީމިއާ މާސްޓަރ ޕްލޭން 2024- 2034 ގައި ކަނޑައަޅާފައިވާ އިސްތިރާޖީ އަމާޒުތައް ހާސިލުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު