ENGLISH
05 ޖުލައި 2026
ސްޓާފުންނަށް އިންޒާރުދޭކަމަށް ބުނާ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި
05 ޖުލައި 2026
|
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުގައި ފަސިންޖަރުން.
އެންމެ މަޤްބޫލު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މަސައްކަތްކުރާ ސްޓާފުންތަކަކަށް އިންޒާރުދިންކަމަށް ބުނެ މީޑިއާތަކުގައި ފެތުރެމުން އަންނަ ހަބަރުތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޮގުކޮށްފިއެވެ.
ވީއައިއޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސް، ރަސްމީ މަސައްކަތުގެ ބޭރުން ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ އެމްއޭސީއެލްއިން ސާކިއުލާއެއް ނެރެފައިވާކަމަށް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން އެމްއޭސީއެލްއިިން "އެމްއެމްޓީވީ"އަށް ބުނީ އެއާޕޯޓަކީ ސެކިއުރިޓީ ވަރުގަދަ ތަނެއްކަމުން އަބަދުވެސް ތަނުގެ ސެކިއުރިޓީ ކަށަވަރު ކުރުމަށް މުވައްޒަފުންނަށް އެކި ކަންކަމާއި ގުޅޭގޮތުން ހަނދާން އައުކޮށްދީ ސާކިއުލާތައް ނެރޭ ކަމަށެވެ.
ބައެއް މީޑިއާތަކުން މިއީ ވަކިކަމަކާއި ގުޅުވައިގެން ނެރުނު ސާކިއުލާއެއް ކަމަށް ދެއްކުމަށް މަސައްކަތްކުރަމުންދިޔަނަމަވެސް އެއީ ހަގީގަތާ ހިލާފް ވާހަކަތަކެއްކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ. އެއާޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ މުވައްޒަފުންކަމަށް ވީހިނދު ހަނދާން އައުކޮށްދިނުމުގެ ގޮތުން ދޭތެރެދޭތެރެއިން މިފަދަ ސާކިއުލާތައް ނެރޭއިރު މިއީ އަލަށް މިފަދަ ސާކިއުލާއެއް ނެރުނު ފަހަރު ނޫންކަންވެސް އެކުންފުނިން ފާހަގަކުރެއެވެ.
ރާއްޖޭގެ މައި ދޮރޯށީގެ ރައްކާތެރިކަން އިތުރުކޮށް ކުށްކުރާ މީހުންނަށް އޮންނަ ފުރުސަތު ހަނިކުރުމަށާއި ރާއްޖޭގެ ބޯޑަރު ސެކިއުރިޓީ ހަރުދަނާކުރުމަށް އެމްއޭސީއެލްއިން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.