ENGLISH

30 ޖޫން 2026

Advertisement

ޒުވާން ޚަޠީބުންނަށް މަތީ ތައުލީމުގެ ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދެނީ

30 ޖޫން 2026

|

އައިމިނަތު ޝަފާ

ޒުވާން ޚަޠީބުންނާ ވަޒީރު ބައްދަލުކުރައްވަނީ. ފޮޓޯ؛ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ.

ޒުވާން ޚަޠީބުންނަށް މަތީ ތައުލީމުގެ ފުރުޞަތު ފަހިކޮށްދޭން، ސްކޮލަޝިޕް ސްކީމެއް ތަޢާރަފު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މާލެ ދާއިރާގައި ޚުޠުބާކިޔަމުންދާ ޒުވާން ޚަޠީބުންގެ ތެރެއިން ބައެއް ޚަޠީބުންނާއެކު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިފަހުން ބައްދަލުވުމެއް ބާއްވާފައެވެ. 

އެ ބައްދަލުވުމުގައި ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއާ ބެހޭ ގޮތުންނާއި، ޒުވާން ޚަޠީބުންގެ ތެރެއިން އިސްލާމީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަރަބި އިސްލާމީ ޔުނިވަސިޓީތަކުން ފުރުޞަތު ހޯދައިދިނުމާއި އިސްލާމީ އެކި އެކި ދާއިރާތަކުން މަތީ ތައުލީމު ޙާޞިލްކުރަން ޝައުޤުވެރި ޚަޠީބުންނަށް ސްކޮލަޝިޕް ސްކީމެއް ތަޢާރަފްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ޚުޠުބާ ކިއުމުގެ އިތުރުން މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ޚަޠީބުންނަށް ދާއިމީކޮށް އެކަން ކުރެވޭނޭ އިންތިޒާމެއް ހަމަޖެއްސުމާމެދު ވެސް މަޝްވަރާކޮށްފައިވާމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުރިއަށް އޮތް މުސްތަގުބަލުގައި ޚަޠީބުންނާއެކު ބާއްވާ މިފަދަ ބައްދަލުވުންތައް އިތުރުކުރައްވާނެކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދަށުން ހަތަރު ބުރެއްގެ މަތިން 600 ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ. ހާހެއްހާ ޒުވާން ޚަޠީބުން ތަމްރީނު ކުރުމަކީ ވުޒާރާގެ އަމާޒެކެވެ. 

ކިޔުންތެރިންގެ ހިޔާލު