ENGLISH

30 ޖޫން 2026

Advertisement

ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުން؛ ބޮޑު ކާމިޔާބެއް، މިހާތަނަށް 67،000 ފަސިންޖަރުން އުފުލައިފި

30 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ގައުމީ އެއާލައިނުގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، ފޮޓޯ: ރައީސް އޮފީސް

ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިގެ އުދުހުންތައް އިތުރަށް ފުޅާކުރުމަށް ގެނެވުނު ވައިޑް ބޮޑީ މަތިންދާބޯޓުގައި މިހާތަނަށް 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުމުގެ އެންމެ މުހިއްމު މަގުސަދަކީ ރާއްޖޭގެ ގައުމީ ސަލާމަތް ހިމާޔަތްކުރުމާއި، ރާއްޖެއަށް ކުރިމަތިވާ ނާޒުކު ހާލަތްތަކުގައި ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ދަތުރުކުރުމުގެ ގާބިލުކަން ރާއްޖެއަށް ހޯދައިދިނުން ކަމަށެވެ. 

ކޮވިޑް-19ގެ އާލަމީ ވަބާގައި މުޅި ދުނިޔޭގެ ވައިގެ އުދުހުންތަކަށް ބުރޫއަރައިގެންދިޔައިރު ރާއްޖޭގައި އެއާބަސް އޮޕަރޭޓުކުރަމުން ގެންދިޔައިތީ އެވަގުތު ރާއްޖެއަށް ބޭނުންވި ޟަރޫރީ ބޭސްތައް ފަދަ މުހިއްމު މުދާ ރާއްޖެއަށް ގެނައުމަށް ފަސޭހަވިކަން ވަޒީރު ފާހަަގަކުރެއްވިއެވެ. 

ވަޒީރު ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދުފުޅަކީ ވައިޑް-ބޮޑީ މަތިންދާބޯޓު ގައުމީ އެއާލައިނަށް ހޯދައިދެއްވުމުގެ ވައުދުފުޅު ކަމަށެވެ. އަދި އެ ވައުދުފުޅުގެ މުހިއްމުކަމުގެ ހެއްކެއްގެ ގޮތުގައި އަމީނު ފާހަގަކުރެއްވީ މެދުއިރުމަތީގައި ހިނގައިދިޔަ ހަނގުރާމަ ފަދަ ހާލަތްތަކުގައި ދުނިޔޭގެ ކޮންމެ ތަނަކަށް ދަތުރުކުރެވޭނެ ގާބިލުކަން ރާއްޖޭގައި ހުރުމުގެ ބޭނުންތެރިކަން އެނގިގެންދިއުމެވެ. 

"އިހަކަށް ދުވަހު، އަދިވެސް ނިމުމަކަށް ނާދޭ މެދުއިރުމަތީގައި ދިމާވެގެންދިޔަ ކަންކަން، އެކަހަލަ ހާލަތްތަކުގައިވެސް އަޅުގަނޑުމެންގެ ފުދުންތެރިކަމާއެކުގައި ދުނިޔޭގެ ކޮންމެ ރާސްތާއަކަށް ދެވޭ ގޮތަށް އޮންނަ އަމިއްލަ ބާރުގައި އޮޕަރޭޓުކުރެވޭނެ މިފަދަ މަތިންދާބޯޓު ހުރުމަކީ ރާއްޖޭގެ ސެކިއުރިޓީއަށް މުހިއްމު ކަމެއް،" ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި ވައިޑްބޮޑީ ފުރަތަމަ މަތިންދާބޯޓު އޮޕަރޭޓުކުރަންް ފެށިފަހުން ފާއިތުވި 16 ވަރަކަށް މަސްދުވަހުގެ ތެރޭގައި 67،000 ފަސިންޖަރުން އެ މަތިންދާބޯޓުގައި ދަތުރުކުރިއެވެ. އެއިން 55،000 މީހުންނަކީ ފަތުރުވެރިންނެވެ. ފަތުރުވެރިންގެ އިތުރަށް އުމްރާއަށާއި ހައްޖަށް އެ މަތިންދާބޯޓުގައި ދިވެހިން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

މިހާރު އެ މަތިންދާބޯޓު ބޭނުންކޮށްގެން ޗައިނާގެ ތިން މަންޒިލަކަށާއި އޮސްޓްރޭލިއާއަށް ދަތުރުތައް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ އިތުރަށް ޕީކް ދުވަސްވަރު އުމްރާއަށާއި ހައްޖަށް ދިވެހިން ގެންދިއުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުތައް ކުރަމުންދާކަމަށާއި، ސްކޫލު ޗުއްޓީތަކާ ގުޅުވައިގެން އިންޑިޔާގެ ޓްރިވަންޑްރަމާއި ކޮޗިންއަށްވެސް އެ މަތިންދާބޯޓުގައި ދަތުރުތައް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. 

އޭގެ އިތުރަށް ބަންގުލަދޭޝަށް ދަތުރުކުރުމަށް ބޭނުންކުރާ ނެރޯ-ބޮޑީ މަތިންދާބޯޓުގެ ގާބިލުކަމަށްވުރެ މަތިން އެއަށްވުރެ ގިނަ ފަސިންޖަރުންނާއެކު ބަންގުލަދޭޝަށް ދަތުރުކުރަންޖެހިއްޖެނަމަ އެ ދަތުރުތަކުގައިވެސް ވައިޑްބޮޑީ މަތިންދާބޯޓު ބޭނުންކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. 

2025 ވަނަ އަހަރު ވައިޑްބޮޑީ މަތިންދާބޯޓު ގެނައުމަށްފަހު، މިހާރު ސަރުކާރުން މަސައްކަތްކުރަމުންދަނީ މި އަހަރު ނިމުމުގެ ކުރިން ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނައުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު