ENGLISH

07 ޖޫން 2026

Advertisement

އެފް.އެސް.އެމް ވިލިމާލޭ ފިއުލް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފަށައިފި

07 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

އެފް.އެސް.އެމް އިން ވިލިމާލޭގައި ފިއުލް ސްޓޭޝަނެއް ގާއިމުކުރަނީ- ފޮޓޯ: އެފް.އެސް.އެމް

ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެ ސަރަހައްދުގެ ކަނޑުގެ އުޅަނދުފަހަރަށް ކުރިމަތިވެފައިވާ ތެޔޮ ލިބުމުގެ ދަތިކަން ހައްލުކުރުމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) އިން ގާއިމުކުރާ އައު ފިއުލް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެފް.އެސް.އެމްއިން މީސްމީޑިއާގައި އާއްމުކުރި ޕޯސްޓުގައި ބުނީ މި މަޝްރޫއަކީ ވިލިމާލޭ ފަޅުތެރޭގައާއި އެ ސަރަހައްދުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ތެޔޮ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ އިރުޝާދުގެ ދަށުން ފެށިގެންދިޔަ މުހިންމު މަސައްކަތެއްކަމަށެވެ.

މި ސްޓޭޝަން ގާއިމުވުމާއެކު، ތެޔޮ އެޅުމަށްޓަކައި މާލެއަށް ނުވަތަ ތިލަފުށްޓަށް ކުރަންޖެހޭ ދިގު ދަތުރުތައް ހުއްޓުމަކަށް އައިސް، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ ވަގުތާއި ތެލަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަަށް އެފް.އެސް.އެމްއިން ބުނެއެވެ.

އެފް.އެސް.އެމް އިން ބުނީ، ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މި ފިއުލް ސްޓޭޝަނުން ޕެޓްރޯލާއި ޑީސަލްގެ އިތުރުން، ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ސާފު ބޯފެން ލިބޭނެ އިންތިޒާމުވެސް ޖެޓީ ސަރަހައްދުގައި ގާއިމުކުރެވޭނެ ކަމަށެވެ.

މި ސްޓޭޝަން ހާއްސަ ކުރެވިފައިވަނީ އުޅަނދުފަހަރަށް އެންމެ ފަސޭހައިން ކައިރިކުރެވޭނެ ފަދަ ގޮތަށްކަމަށްވެސް އެފް.އެސް.އެމް އިން ފާހަގަކުރެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 55 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި، އާންމުންނަށް ހިދުމަތް ދޭން ފެށުމަށް އެފް.އެސް.އެމް އިން ދަނީ ބާރުމިނުގައި މަސައްކަތް ކުރަމުންނެވެ.

މި ސްޓޭޝަން ހުޅުވުމާއެކު ވިލިމާލޭގެ އިގްތިސާދީ ދުވެލި ހަލުވިވެ، އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަަށްވެސް އެފް.އެސް.އެމްއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު