ENGLISH
26 މޭ 2026
އީދާ ދިމާކޮށް ފުލުހުންނާއި ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް
26 މޭ 2026
|
ކުރިން ސިފައިން ހިންގި އޮޕަރޭޝަނުގެ ތެރެއިން.
އެންމެ މަޤްބޫލު
އެހެންއަހަރުތަކެކޭ އެއްގޮތަށް ކުރިއަށް މިއޮތް އީދު ބަންދާ ދިމާކޮށް ފުލުހުންނާއި ސިފައިން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
އީދު ބަންދާ ގުޅިގެން ކަނޑުދަތުރުފަތުރުކުރާ މީހުން އިތުރުވަމުން އަންނާތީ ކަނޑުއުޅަނދުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ފުލުހުން އަންނަނީ ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރަމުން ނެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މި މައުލޫމާތުތައް ހާމަކޮށް ފުލުހުން ބުނީ އީދު ބަންދާ ދިމާކޮށް ފެށި އޮޕަރޭޝަނުގައި ހާއްސަ އިސްކަމެއް ދީފައިވަނީ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ރަނގަޅަށް ހުރިތޯ ބެލުމަށް ކަމަށާއި ހާއްސަގޮތެއްގައި ލައިފްޖެކެޓް އެޅުމުގެ ކަންކަމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
އަޟްހާ އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން ރަށްރަށަށް ދަތުރުކުރަމުންދާތީ، އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވެސް ވަނީ އޮޕަރޭޝަނެއް ފަށާފަ އެވެ. ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނާ ހަމައަށް ކުރިއަށްގެންދާ މި އޮޕަރޭޝަންގައި ވީހާވެސް ގިނަ އުޅަނދުތަކެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވެއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން އުޅަނދުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބަލައި، ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަވޭތޯ އަދި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތަކެއް ބަލާނެ އެވެ.