ENGLISH
17 އޭޕްރީލު 2026
2028 ކާމިޔާބުވިޔަ ނުދިނުމަށް ތަރައްގީއަށް ހުރަސްއަޅާނެ، އެ ފުރުސަތު ރައްޔިތުން ނުދޭތި: ފަލާހު
17 އޭޕްރީލު 2026
|
ޕީޖީ ލީޑަރު ފަލާހް. ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ރަށްރަށާއި ސިޓީތަކުގައި ސަރުކާރުން ކުރިއަށްގެންދަން ރާވަފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އަޅަން އެ ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތައް އެމްޑީޕީން ބޭނުންކުރާނެކަމަށާއި ނަމަވެސް އެ ފުރުސަތު ރައްޔިތުން ނުދިނުމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. މުރައިދޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.
"ސިޓީތަކަށް މިހުރީ އިދިކޮޅު ކައުންސިލަރުން ހޮވާފައި. އެ ސިޓީތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެސެޖަކީ ކޮބައިތޯ؟ ރައްޔިތުންގެ ކަންކަމުގައި ރައްޔިތުންނަށް ދެރަވާނެގޮތަކަށް އަމަލު ނުކޮށް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކޮށްދެއްވައްޗޭ. އެކަމަކު ރައްޔިތުން ވަރަށް ފާރަވެރިވާތި. އުޅޭނެ ތަރައްގީއަށް ހުރަސްއަޅަން. އެއީ އެމްޑީޕީގެ ސިޔާސަތު. އެމްޑީޕީގެ ސިޔާސަތަކަށް ވާނީ 2028 ރައީސްއަށް ކާމިޔާބުވިޔަ ނުދިނުމަށްޓަކައި ރަށްރަށާއި ސިޓީތަކުގައި ސަރުކާރުން ފަށާފައިހުރި ބިޔަބޮޑެތި ޕްރޮޖެކްޓްތައް ހުއްޓުވާލުން،" ފަލާހު ވިދާޅުވި އެވެ.
ރަށްރަށާއި ސިޓީތަކުގެ ތެރެއިން އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ރަށްރަށުގެ ރައްޔިތުން އެކަމަށް ވިސްނުމަށާއި އެއީ ރައީސް މުއިއްޒުގެ ހާއްސަ އިލްތިމާސްއެއް ކަމަށް ފަލާހު ވިދާޅުވި އެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕީއެންސީންނެވެ.
ދާއިމީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ކޮންގްރެސް ޕާޓީން ވަނީ 581 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 562 ގޮނޑި އެވެ. އެހެން ކަމުން 21 ގޮނޑީގެ ފަރަގުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށްވަނީ ކޮންގްރެސް އެވެ.
އަމިއްލަ ގޮތުން ވާދަކުރި 168 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކޮށަފަ އެވެ. އެމްޑީއޭއަށް 23 ގޮނޑި ލިބުނެވެ. އަދާލަތަށް ހަ ގޮނޑި އަދި ޖުމްހޫރީ ޕާޓީއަށް ހަތަރު ގޮނޑި ލިބިފައިވެ އެވެ.
ޑިމޮކްރެޓްސް އިން ވެސް ވަނީ ދެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.
ސިޓީތަކުގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް ވެސް އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ރަށްރަށުގެ ތަރައްގީއަށް ހުރަސްއަޅާކަމުގެ ކަންބޮޑުވުންތައް ވަނީ ފެންމަތިވެފަ އެވެ.