ENGLISH
17 އޭޕްރީލު 2026
އައިޕީޔޫ ގެ 152 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަޤްރީރުކުރައްވައިފި
17 އޭޕްރީލު 2026
|
އައިޕީޔޫ ގެ 152 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަޤްރީރުކުރައްވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖްލިސް
އެންމެ މަޤްބޫލު
މިހާރު ތުރުކީވިލާތުގެ އިސްތަންބުލްގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.) ގެ 152ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ތަޤްރީރުކުރައްވައިފި އެވެ.
އައި.ޕީ.ޔޫގެ މިއަހަރުގެ އެސެމްބްލީގެ މައުޟޫޢު އަކީ "އަންނަން އޮތް ޖީލުތަކަށްޓަކައި، އުންމީދު އާލާކޮށް، ސުލްޙަމަސަލަސްކަން ޤާއިމުކޮށް، އަދި އިންސާފު ކަށަވަރުކޮށްދިނުން" އެވެ. މި މައުޟޫޢަށް އަލިއަޅުއްވާލައްވަމުން، މަޖިލީހުގެ ރައީސް ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާ ބޮޑުކަން ފާހަގަކުރައްވާފަ އެވެ.
ޢަބްދުއްރަހީމްގެ ތަޤްރީރުގައި، ތައުލީމާއި، ސިއްޙީ ހިދުމަތާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ގޮތް ނިންމުމުގެ މަރުޙަލާތަކުގައި ޝާމިލުކުރުމުގެ ތެރެއިން، ރައްޔިތުން، ޚާއްސަކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވި އެވެ. އަދި، ރައްޔިތުންގެ އުންމީދުތައް ނަތީޖާ ނެރެވޭފަދަ ޤާނޫނުތަކާއި، ސިޔާސަތުތަކާއި، އަދި ބަޖެޓުތަކަށް ބަދަލުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން މުހިންމު ދައުރެއް އަދާކުރާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ޞުލްޙައާއި، މަޝްވަރާއާއި، އަދި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމާއި ދުނިޔޭގެ ހަމަޖެހުން ޤާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމު ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ ކަންކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރުމަށާއި އެ ގައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.
އައިޕީޔޫ ގެ 152 ވަނަ އެސެމްބީލީގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ މެމްބަރުން-- ރައްޔިތުންގެ މަޖިލިސް
އިންސާފު ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ވަރުގަދަ ދީމިޤްރާޠީ މުއައްސަސާތަކެއް ހުރުމާއި، ޒިންމާދާރުވެރިން ގާއިމުކުރުމާއި، އިންސާނީ ޙައްޤުތަކަށް އިހްތިރާމްކުރުމުގެ އިތުރުން ޤާނޫނުގެ ސިޔާދަތު ދެމެހެއްޓުމުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ދީމިޤްރާޠީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން، ޤާނޫނު ހެދުމުގެ މަރުހަލާގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި މަޖިލީހުގެ މަސައްކަތްތަކަށް ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރެވުނު 'އީ-ޕެޓިޝަން' ނިޒާމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
އައި.ޕީ.ޔޫ އަކީ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި މަޝްވަރާކުރުމަށް އޮތް މުހިއްމު މަންސައެއްގެ ގޮޔުގައި ފާހަގަކުރައްވަމުން،ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގޮވާލެއްވި އެވެ.
މީގެއިތުރުން، މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޙަމަލާތައް ހުއްޓާލުމަށް،ހިނގަމުންދާ ހަމަނުޖެހުންތަކަށް ޞުލްޙަވެރި ޙައްލެއް ހޯދުމަށް ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
މަޖިލީހުގެ ރައީސްގެ ތަޤްރީރު ނިންމަވާލެއްވީ، ޞުލްޙަވެރި، އިންޞާފުވެރި، އަދި އުންމީދީ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.