ENGLISH
17 އޭޕްރީލު 2026
މުދަލުން ޒަކާތް އަދާނުކުރާ ނަމަ އީމާންކަން ފުރިހަމައެއް ނުވާނެ: ހުކުރު ޚުޠުބާ
17 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ހިތުގައި އީމާންކަން އޮވެ، މުދަލުން ޒަކާތް އަދާނުކުރާ ނަމަ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރު" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނުވަތަ ދެވޭ ޞަދަޤާތެއް ނޫން ކަމަށާއި، އެއީ ނިކަމެތީންނަށް ވެދެވޭ އިޙުސާންތެރިކަމެއް ނުވަތަ ހެޔޮ ފޯރުވުމެއް ވެސް ނުމެނޫން ކަމަށެވެ.
ޒަކާތަކީ މާތް الله ފަރުޟުކުރައްވައިފައިވާ އިސްލާމް ދީނުގެ ރުކުނަކަށްވީހިނދު، އެއީ އިސްލާމް ދީނުގެ ބިންގަލާ ގުޅިފައިވާ، ޢަދުލުވެރިކަމާ އިންޞާފުގެ މައްޗަށް ބިނާވެފައިވާ މަތިވެރި އިލާހީ ނިޒާމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
"ނަމާދާ ވިދިގެން މުދަލު ޒަކާތުގެ ވާހަކަ އައިސްފައިވަނީ، ނަމާދަކީ އަޅާއާ اللهއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ އަޅުކަމަކަށް ވާ ފަދައިން، ޒަކާތަކީ اللهގެ މަޚްލޫޤުންނާ އަޅާއާ ގުޅުވައިދޭ މުހިންމު ވަސީލަތަކަށް ވާތީއެވެ. "ޒަކާތް" މި ބަހުގެ މާނައަށް ފުންކޮށް ވިސްނައިލުމުން، އޭގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެއެވެ. ޒަކާތުގެ މާނައަކީ ޠާހިރުވުމާއި އިތުރުވުމެވެ. ޒަކާތް ނެރޭ މީހާގެ ނަފުސު، ދަހިވެތިކަމާއި މުށްބާރުކަމާއި، ފަނާވެދަނިވި މި ދުނިޔޭގެ މުދަލަށް އޮންނަ ލޯބީން، ޠާހިރުކޮށްދެއެވެ. ހަމައެއާއެކު، ހިސާބުކިތާބުން އަންދާޒާ ވެސް ނުކުރެވޭ ފަދަ ގޮތެއްގައި މުދަލުގައި ބަރަކާތްލެއްވެއެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާނުގެ އަށާވީހަކަށް އާޔަތުގައި ނަމާދާ އެކުގައި ޒަކާތުގެ ވާހަކަ މާތް الله ވަޙީކުރައްވައިފައިވާއިރު، މި ދެ އަޅުކަން މި ފަދައިން ގުޅި ލާމެހިފައިވުމުން ދޭހަކޮށްދެނީ ވަރަށް ފުން މާނައެއް ކަމަށެވެ. ހިތުގައި އީމާންކަން އޮވެ، މުދަލުން ޒަކާތް އަދާނުކުރާ ނަމަ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ.
މި ޒަމާނުގެ ސަރުކާރުތަކުން އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ފަރުމާކުރުމަށް ޓަކައި އެތައްއެތައް ބިލިއަން ފައިސާއަކާއި މުދަލެއް ހޭދަކުރާ ކަމަށާއި، ފަޤީރުކަން ނައްތާލުމާ ގުޅޭ ގޮތުން ދިރާސާކުރާ އިދާރާތަކުން ނުހަނު ގިނަ ރިޕޯޓުތައް ނެރޭ ކަމަށް ޚުޠުބާގައި ބުންޏެވެ. ނަމަވެސް، މީގެ ސާދަ ސަތޭކަ އަހަރު ކުރީން، الله سُبْحَانَهُ وَتَعَالَى ވަނީ ނުހަނު ފުރިހަމަ، އިންޞާފުވެރި ޝާމިލު ނިޒާމެއް ބާވައިލައްވައިފައިވާކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
"ޒަކާތުގެ ގޮތުގައި ނެރޭން ޖެހޭ މިންވަރަކީ ވަރަށް ކުޑަ މިންވަރެކެވެ. އެއީ ތިރީސް އިންސައްތަ ނުވަތަ ފަންސާސް އިންސައްތައެއް ނޫނެވެ. މުދަލުގެ ނިޞާބު ހަމަވެ، ނިޞާބު ހަމަވީތާ ހިޖުރީ ގޮތުން އެއް އަހަރު ފުރިހަމަވުމުން، ޒަކާތުގެ ގޮތުގައި ނެރޭން ޖެހެނީ އެ މުދަލުގެ ޖުމުލަ އަދަދުގެ އެންމެ ދޭއް ޕޮއިންޓު ފަހެއް އިންސައްތައެވެ. އެއީ އެތައް މިލިއަން އިންސާނުން ފަޤީރުކަމުން ސަލާމަތްކުރުމަށް ފުދޭ މިންވަރެކެވެ. މިއީ ބޮޑު މިންވަރެއް ކަމަށް ތެދުވެރި އެއްވެސް މުސްލިމަކަށް ބުނަން ނުކުރޭހައި ކުޑަ މިންވަރެކެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ޒަކާތަކީ މުދަލާއި ތަނަވަސްކަން ވަކި ބައެއްގެ އަތްމަތީގައި ހިފެހެއްޓިފައި ހުރުމުގެ ބަދަލުގައި، މުޅި މުޖުތަމަޢުގައި ތަނަވަސްކަން ދައުރުވުމަށް މަގުފަހިކޮށްދޭ މުހިންމު ނިޒާމެއް ކަމަށެވެ.
އެގޮތުން، ދުޅަހެޔޮ އިޤުތިޞާދެއް މިނެކިރަނީ މުޖުތަމަޢުގެ އެންމެ މުއްސަނދީންގެ އަތުގައި ޖަމާވެފައި ހުރި މުދަލުގެ މިންވަރަކުން ނޫން ކަމަށާއި، އޭގެ ބަދަލުގައި، އެ މުދާ މުޖުތަމަޢުގެ ތެރޭގައި ދައުރުވާ މިންވަރަކުން ކަމަށް ޚުޠުބާގައި ބުންޏެވެ. ޒަކާތަކީ، މުޖުތަމަޢުގެ ހުރިހައި ފަންތިއަކަށް މުދާ ފޯރުކޮށްދީ، ނިކަމެތިވެފައިވާ މުޖުތަމަޢުތަކަށް އާ ދިރުމެއް ގެނެސްދޭ ނިޒާމެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
"މިއީ ހަމައެކަނި ފަލްސަފާވެރި ފިކުރެއް ނުވަތަ ހަޤީޤަތާ ދުރު، ޚިޔާލީ އުންމީދެއް ނޫނެވެ. ޒަކާތުގެ ސަބަބުން މުޖުތަމަޢަށް އަންނަ ހެޔޮ ބަދަލުތައް އިސްލާމީ ތާރީޚު ވަނީ ދެކެފައެވެ. މަޝްހޫރު ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒު (رَحِمَهُ الله)ގެ ވެރިކަމުގައި، ޒަކާތުގެ ނިޒާމު ޤާއިމުކުރެވުނީ އިންޞާފުވެރިކަމާއި ޢަދުލުވެރިކަމުގެ މައްޗަށެވެ. ނަތީޖާއަކީ، ފަޤީރުންނާއި މިސްކީނުންގެ ޙާލަތު ރަނގަޅުވެ، ދަރަނިވެރީން ދަރަނިތަކުން ސަލާމަތްވެ، ޒަކާތުގައި ހިފާނޭ މީހަކު ނެތި، ޒަކާތުގެ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމެވެ. މުދަލު ޒަކާތަކީ މުޖުތަމަޢެއް ބިނާވެ، ކުރިއެރުމުގެ އެންމެ މުހިންމު އަސާސީ އެއް ބިންގަލެވެ." ޚުޠުބާގައި ބުންޏެވެ.
މުދާ އެއްކޮށް އެއިން ޒަކާތް ނުދައްކާ މީހުންނަށް އާޚިރަތުގައި ވޭންދެނިވި އަޒާބު ހުރިކަމުގެ ޚަބަރު الله سُبْحَانَهُ وَتَعَالَى ދެއްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން ކަމަށާއި، އެއީ މުދަލުން ބަރަކާތް ކެނޑޭނޭ ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ. މި ވާހަކަތަކަކީ އަޑުއަހައިފައި ހަނދާން ނައްތައިލާ ވާހަކަތަކަކަށް ނުހެދުމަށާއި، މިއީ ތިބާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނުވާނެ ވާހަކަތަކަކަށް ހަދައި، ލަސްނުކޮށް ޒަކާތް ދެއްކުމަށް ޚުޠުބާގައި އިލްތިމާސްކޮށްފައިވެއެވެ.
ޚުޠުބާ ނިންމާލަމުން ބުނީ، ދިރިއުޅުމާއިގެން މަޝްޣޫލުވުމަކީ ޒަކާތް ދެއްކުން ފަސްކުރާން އޮތް އުޒުރެއް ނޫން ކަމަށްވީއިރު ޒަކާތް އޭގެ ޙައްޤުވެރީންނަށް ފޯރުކޮށްދީ، މުޖުތަމަޢުގައި ޒަކާތުގެ ނިޒާމު ދިރުވުމަށެވެ. މިއީ ވަކިވަކި ފަރުދުން ކުރާ ކަމެއްގެ ބަދަލުގައި، ނިޒާމެއްގެ ގޮތުގައި ދެމިއޮންނާނެ ގޮތް ހަދައި، ވަކިބައެއްގެ އަތުގައި ހިފެހެއްޓިފައި ހުރުމުގެ ބަދަލުގައި، މުދަލަކީ ވެސް ދައުރުވާން ޖެހޭ އެއްޗެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
ޤިޔާމަތް ދުވަހު، އިރު ބޯމައްޗަށް ތިރިވެ، މީސްތަކުން ފިލާން ވަންނާނޭ ތަނެއް ނެތް ދުވަހު، މާތް ﷲ ތިބާއަށް ދެއްވި މުދަލުން ދުނިޔޭގައި އިޚުލާޞްތެރިކަމާ އެކު ހޭދަކުރި މީހާ، ހުންނާނީ މާތް اللهގެ ޢަރުޝީގެ ހިޔަލުގައިކަމަށް ޚުޠުބާގައި ބުންޏެވެ.