ENGLISH
17 އޭޕްރީލު 2026
ލިބުނީ 'ބީ ރިޕޯޓެއް'، ބަދަލުތައް ގެންނަނީ 'އޭ ރިޕޯޓެއް' ބޭނުން ވެގެން: ވަޒީރު ޝިޔާމް
17 އޭޕްރީލު 2026
|
ވަޒީރު ޝިޔާމް، ފޮޓޯ:ޕީއެންސީ
އެންމެ މަޤްބޫލު
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނީ "ބީ ރިޕޯޓެއް" ކަމަށާއި، އިންތިހާބަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް މުހިންމު ބަދަލުތަކެއް ގެންނަވަމުންދަނީ "އޭ ރިޕޯޓެއް" ބޭނުންވާތީކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ހއ. މުރައިދޫ ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.
"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް މިފަހަރު ލިބުނީ "ބީ ރިޕޯޓެކޭ". ވެރިކަމުގައި ތިބެގެން "ބީ ރިޕޯޓެއް" ކައުންސިލް އިންތިހާބުގައި ލިބުނީ. އަޅުގަނޑުމެން "ބީ ރިޕޯޓެއް" ގަބޫލެއް ނުކުރަން. ރައީސް މުއިއްޒު ބޭނުންފުޅުވަނީ "އޭ ރިޕޯޓު". އެހެންވެ އިންތިހާބު ނިމުމާއެކު ވިދާޅުވީ ރައްޔިތުން ވާހަކަތަކެއް ވިދާޅުވެއްޖެއޭ ތިމަން މަނިކުފާނު އަޑު އައްސަވައިފީމޭ،". ރައީސްގެ ފަރާތްޕުޅުން ފެނިގެންދިޔައީ ޑިމޮކްރަސީގެ ރިވެތި މިސާލެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވި އެވެ.
އިންތިހާބު ނިމުނު ވަގުތުން ފެށިގެން ސަރުކާރުގެ ހިންގުމަށާއި ސިޔާސަތުތަކަށް ބަދަލުތައް ގެންނަން ފަށާފައިވާކަން ފާހަގަކުރައްވައި މިއީ ރައްޔިތުންގެ އަޑުއަހާ ސަރުކާރެއްގެ ފަރާތުން ފެންނާނެ އެންމެ ރަނގަޅު މިސާލު ކަމަށް ވަޒީރު ވިދާޅުވި އެވެ.
ކުރީގެ ވެރިކަންތަކުގައި ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތައް އެ ސަރުކާރުތަކުގެ ވަޒީރުންގެ މައްޗަށް ކުރެވުނުއިރުވެސް، އެ ބޭފުޅުން ވަކިކުރަން އޭރުގެ ރައީސުންނަށް ކެރިވަޑައިނުގެންނެވި ކަމަށް ވިދާޅުވެ، އެ ސަރުކާރުގެ ވަޒީރުންނަކީ ރައީސަށް "ބަލަދު އަރާފައިވާ" ބަޔަކަށް ވުމުން، ދައުލަތުގެ މާލިއްޔާ ހުސްވަމުން ދިޔައިރުވެސް އެކަން ހުއްޓުވަން ފިޔަވަޅެއް ނޭޅުނު ކަމަށް ވަޒީރު ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އަޑު އަހައިގެން ކުރިއަށްދިއުންކަމަށާއި ޕީއެންސީއަކީ ވަކި ރަށެއް ތަފާތުކުރާނެ ޕާޓީއެއް ނޫން ކަމަށް ވަޒީރު ވިދާޅުވި އެވެ. ކޮންމެ ރަށެއްގެ ކާމިޔާބީއަކީ ވެސް މުޅި ޕާޓީގެ ކާމިޔާބީއެއް ކަމަށް ވަޒީރު ޝިޔާމް ވިދާޅުވި އެވެ.