ENGLISH
16 އޭޕްރީލު 2026
އަމާން އުދަރެސް ސަރަހައްދުގައި ބިނާކުރާ މިސްކިތުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ
16 އޭޕްރީލު 2026
|
އަމާން އުދަރެސް ފްލެޓް ސަރަހައްދުގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ފްލެޓް ސަރަހައްދުގައި ބިނާކުރާ މިސްކިތުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ސޯޝަލް މީޑިއާގެ އެކްސްގައި އެ ވުޒާރާއިން ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ފްލެޓް ސަރަހައްދުގައި ބިނާކުރާ 1،800 މީހުންގެ ޖާގައިގެ މިސްކިތުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އަމާން އުދަރެސް ފްލެޓް ސަރަހައްދުގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ސަރަހައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާކަމަށް، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު ބުނެފައިވެ އެވެ.
ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކުރަމުން އަންނަ ގިނަ ފްލެޓްތަކާއެކު، އެސަރަހައްދުގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެ ސަރަހައްދަށް ގިނަ މިސްކިތްތަކެއް ބޭނުންވާއިރު، މިސްކިތްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ފޭސް 2 ގައި މިހާރު ވެސް ދާއިމީ ތިން މިސްކިތް ގާއިމްކޮށްފައިވެ އެވެ. މީގެ އިތުރުން ވަގުތީ ދެ މިސްކިތް ފޭސް 2 ގެ މީހުން ނަމާދު ކުރުމަށް ބޭނުންކުރެ އެވެ.
އަމާން އުދަރެސް ފްލެޓް ސަރަހައްދުގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
މިސްކިތްތައް އެޅުމާއި މަރާމާތުކޮށް، އިސްލާމްދީން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ އިރު، ނިމިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހޭދަކުރި އެވެ. އަދި މިއަހަރު މިސްކިތްތައް މަރާމާތު ކުރުމަށް 15 މިލިޔަން ރުފިޔާ ވަނީ ހަމަޖައްސަވާފަ އެވެ.
މިއަހަރު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެކަމަށް ވެސް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ.
މާލެ ސަރަޙައްދުގައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.