ENGLISH
17 އޭޕްރީލު 2026
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު 4،114 މީހުންނަށް
16 އޭޕްރީލު 2026
|
އިންތިޙާބުގައި އިލެކްޝަން ކޮމިޝަންސްގެ އޮފިޝަލުން ހަރަކާތްތެރިވަނީ-- ފޮޓޯ: އަލް ޖަޒީރާ
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި 4،114 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފި އެވެ.
ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އީސީ އިން މިހާރު ވަނީ އާއްމުކޮށްފަ އެވެ. މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓްގަ އާއި، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ އަވަށު އޮފީހުގައި އާއްމުކޮށް ފެންނަން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އީސީ އިން އާއްމުކޮށްފައިވާ ލިސްޓްގައިވާ ގޮތުން، މި ބައި-އިލެކްޝަންގައި 4،114 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ހުޅުވާލާފައިވެ އެވެ. ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަންޖެހެނީ އޮންލައިންކޮށް، އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް އަށެވެ.
އިލެކްޝަން ކޮމިޝަންއިން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މުއްދަތުގައި ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުން ނުވަތަ ރަޖިސްޓަރީން މީހަކު އުނިކުރުން ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.
މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުން ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ޖެހޭނީ، ސިޔާސީ ޕާޓީއަށް ދީފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާއަށް 2024 ވަނަ އަހަރު އިންތިޚާބުވި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ހުކުމާއެކުގަ އެވެ. ސިނާން ވަނީ އެ ދާއިރާއަށް އަލުން ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.