ENGLISH

18 އޭޕްރީލު 2026

Advertisement

ތިނަދޫ ސިޓީގައި ޤާއިމްކުރާ ނަފްސާނީ ފަރުވާ ކްލިނިލްގެ ޚިދުމަތް މި އަހަރު ފަށަނީ

16 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް. އެ ހޮސްޕިޓަލްގައި ނަފްސާނީ ފަރުވާގެ ޚިދުމަތް މިއަހަރު ފަށާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ.

ތިނަދޫ ސިޓީގައި ޤާއިމުކުރާ ނަފްސާނީ ފަރުވާގެ ކްލިނިކްގެ މަސައްކަތްތައް ނިންމައި، މިއަހަރުގެ ތެރޭގައި އެ ތަނުން ޚިދުމަތް ދޭން ފަށާނެ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އަޝްރަފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތީ ދަރަޖައަކަށް ގެންދިއުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ހުވަދުއަތޮޅަކީ ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ ގިނަ އާއިލާތަކެއް ދިރިއުޅޭ ސަރަޙައްދެކެވެ. ވަކިން ޚާއްޞަކޮށް، ތިނަދޫގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި މައްސަލަތައް ހުރީ ނިސްބަތުން ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ނަފްސާނީ ފަރުވާ ބޭނުންވާ މީހުންގެ އަދަދު ގިނަވުމާއެކު، އަމާޒަކީ މިފަދަ މައްސަލަތަކަށް ޚާއްޞަ ފަރުވާދެވޭނެ ފެންވަރުގެ ވަސީލަތެއް ތިނަދޫ ސިޓީގައި ޤާއިމުކުރުން ކަމަށް އަޝްރަފް ވިދާޅުވިއެވެ. އަޝްރަފް އިތުރަށް ވިދާޅުވީ، މިހާރުވެސް ގިނަ ބަޔަކު ނަފްސާނީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ދާކަމަށާއި، އޭގެ ތެރޭގައި ސްކޫލް ދަރިވަރުންގެ ނިސްބަތް ގިނަކަމަށެވެ. 

ކްލިނިކްގެ އަމަލީ މަސައްކަތްތައް ފެށިފައިވާކަން ހާމަކުރައްވަމުން އަޝްރަފް ވިދާޅުވީ، އަމާޒަކީ މިއަހަރުގެ ނިޔަލަށް ޚިދުމަތް ފެށުން ކަމަށެވެ. އަދި ޚިދުމަތް ފެށޭއިރު، އެކަށީގެންވާ ޢިމާރާތެއްގެ އިތުރުން އެ ދާއިރާގެ ޚާއްޞަ މާހިރުންނާއި ޑޮކްޓަރުންވެސް ތިއްބަވާނެ ކަމަށް އޭނާ ޔަޤީންކަން ދެއްވިއެވެ.

ތިނަދޫގައި މި ޤާއިމުކުރެވޭ ނަފްސާނީ ފަރުވާގެ ކްލިނިކުގެ ސަބަބުން، ހުވަދުއަތޮޅުގެ ރައްޔިތުންނަށާއި، ޚާއްޞަކޮށް ތިނަދޫގެ ރައްޔިތުންނަށް ނަފްސާނީ ފަރުވާ ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ. 

ޞިއްޙީ ދާއިރާގެ ތަރައްޤީއަކީ މިއަހަރު ސަރުކާރުގެ އެންމެ ބޮޑު އަމާޒެވެ. އެގޮތުން، މިއަހަރު އެއް ދާއިރާއަކަށް އެންމެ ބޮޑު ބަޖެޓެއް ހިމަނާފައިވަނީ ވެސް ޞިއްޙީ ދާއިރާއަށެވެ. 

ކިޔުންތެރިންގެ ހިޔާލު