ENGLISH
31 މާރިޗު 2026
އދ. ދިއްދޫ ފުޓްސަލް ދަނޑުގެ މަސައްކަތްތައް ނިންމާލައިފި
31 މާރިޗު 2026
|
އެންމެ މަޤްބޫލު
އދ. ދިއްދޫގައި މި ސަރުކާރުން ތަރައްޤީކުރި ފުޓްސަލް ދަނޑުގެ މަސައްކަތްތައް ނިންމާލައިފިއެވެ.
އދ. ދިއްދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ދިއްދޫ އަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ދިއްދޫ ފުޓްސަލް ދަނޑުގެ މަސައްކަތްކުރުމަށް ހަވާލުކުރީ އެމްޓީސީސީއާ އެވެ.
އެމްޓީސީސީން ވަނީ މި މަޝްރޫޢުގެ ދަށުން، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތްތަކާއި، ކޮންކްރީޓް މަސައްކަތްތަކާއި، ވަށާފާރު ރޭނުމާއި، ކަރަންޓު މަސައްކަތްކޮށްފައެވެ. އެމްޓީސީސީއާ މި މަސްރޫޢުގެ މަސައްކަތްކުރުމަށް ހަވާލުކުރީ 1.74 މިލިއަން ރުފިޔާއަށެވެ.
މި ފުޓްސަލް ދަނޑު ތަރައްޤީކޮށްފައިވަނީ ރޭގަނޑު ވެސް ބޭނުންކުރެވޭގޮތަށް ލައިޓް ހަރުކޮށް އެންމެ ޒަމާނީ ފެންވަރަށެވެ.
އާބާދީގައި 234 މީހުން ދިރިއުޅޭ ދިއްދޫގައި ތަރައްޤީ ކުރި ފުޓްސަލް ދަނޑުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ހުސް ގަޑީގައި މުނިފޫހިފިލުވާލުމަށާއި، ދުޅަހެޔޮ ޞައްޙަތެއްގައި ތިބުމަށްޓަކައި ފުޓްސަލްގެ އިތުރުން އެހެން ކުޅިވަރުތައް ކުޅެވޭނެ މަގުފަހިވެގެންދާނެ އެވެ.
ކުޅިވަރުގެ ދާއިރާއަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެކެވެ. އެހެންކަމުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުޅިވަރުގެ ތަރައްޤީ ގެނެސްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ގެންދަވަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް އެކި ރަށްތަކުގައި ހިންގަވަމުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒުވާނުންގެ މެދުގައި މަގްބޫލު ފުޓްސަލަށް ހާއްސަ ދަނޑުތައް އެޅުމާއި، މިހާރު އަޅާފައިވާ ދަނޑުތަކުގެ ޓާފް މަރާމާތުކުރުމާއި، ޓާފް އައު ކުރުން އަދި ލައިޓް ހަރުކުރުންފަދަ ކަންކަން ކުރުމަށްވެސް މި ސަރުކާރުން ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.