ENGLISH

30 މާރިޗު 2026

Advertisement

ހުރިހާ ޕާޓީތަކަށްވެސް އެންމެ ފައިދާ ބޮޑީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން

30 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ޕާޓީތަކަށް އޮތީ ފައިދާ

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ކުދި ޕާޓީތަކާއި އެއިރެއްގަައި ސަރުކާރު ހިންގާ ޕާޓީ ފިޔަވައި އެހެން ޕާޓީތަކަށް ސިޔާސީ ބާރުވެރިކަން ނެތުމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީތައް ތަމްސީލުނުވުން ނުވަތަަ ޕާޓީތައް ތަމްސީލުވާ މިންވަރު މަދުވުމެވެ. ޕާޓީތަކަށް ރައްޔިތުންގެ ތާއީދު އޮންނަ ގޮތާ އެއްގޮތަށް މަޖިލިސް އެކުލެވިގެން ނައުމެވެ. މިހެން ދިމާވަނީ ސިޔާސީ ގިނަ ހަގީގަތްތަކެއްގެ ސަބަބުންނެވެ. 

މިހާރު ރާއްޖޭގެ އިންތިހާބީ އޮނިގަނޑާއި ތާވަލު އެކުލެވިފައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަނީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވެވަޑައިގެން ސަރުކާރު އެކުލަވައިލައްވާތާ ހަ މަސްދުވަސް ފަހުންނެވެ. މި މުއްދަތަކީ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު އެންމެ ބޮޑު އަދި އެ ރައްޔިތުންގެ އުންމީދުތައް އެންމެ މަތީ ދަރަޖައިގަ ހުންނަ ދުވަސްވަރެވެ. އެއާއެކު ސަރުކާރު އުފަންވާތާ ކުޑަ ދުވަސްކޮޅެއް ފަހުން މަޖިލީހުގެ އިންތިހާބު އޮންނާތީ ކޮންމެ ސަރުކާރެއްގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު މުޅި ސަމާލުކަން ހުސްކުރާންޖެހެނީ އިންތިހާބު ކާމިޔާބުކުރުމަށެވެ. 

ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވަނީ މިދެންނެވި ހުރިހާ ސަބަބުތަކެއް އެކުވުމުގެ ނަތީޖާއަކީ ސަރުކާރަށް މުތުލަގު ބާރު އޮންނަ ނުވަތަ ސުޕަ މެޖޯރިޓީ ލިބިފައިވާ މަޖިލީހެއް އިންތިހާބުވުން ކަމަށެވެ. އަދި އެއިން ނިކުންނަ ނަތީޖާއަކީ ގާނޫނުއަސާސީ ތަސައްވުރުކުރި ގޮތަށް ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް މަޖިލިސްތަކުން ނުކުރުންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. 

ދިޔާނާ ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރުތަކުން މަޖިލީހަށް ނުފޫޒު ފޯރުވާ މިންވަރު ކުޑަވެ، ރައްޔިތުންގެ މެދުގައި ޕާޓީތަކަށް ތާއީދު އޮތް ގޮތް ރިވެލިވާ މަޖިލީހެއް އިންތިހާބުވުމުގެ ފުރުސަތު ބޮޑެވެ. ދިޔާނާގެ މިވާހަކަަފުޅަށް ބާރު ލިބޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. 

އިދިކޮޅުގެ ހިއްސާ ކުޑަވާ ސަބަބުތައް ނެތިދާނެ

ރިޔާސީ އިންތިހާބަަކީ ހުރިހާ ޕާޓީތަކުންވެސް އެންމެ ބޮޑު ސަމާލުކަން ދޭ އިންތިހާބަށްވާތީ، ޕާޓީތަކުގެ ހުރިހާ ވަސީލަތްތަކެއް އެ އިންތިހާބު ކާމިޔާބުކުރަން ބޭނުންކުރެއެވެ. އެ އިންތިހާބު ނިމޭއިރު ޕާޓީތަކުގެ ދަރަނި ބޮޑުވެއެވެ. ރިޔާސީ އިންތިހާބަށް ކުރާ ހޭދައިގެ ބޮޑުކަމުގެ ސަބަބުން އިންތިހާބު ނިމޭއިރު ވެރިކަން ނުލިބޭ ޕާޓީތަކުގެ ވަސީލަތްތައް އޮންނަނީ ހުސްވުމާ ގާތްވެފައެވެ. 

ވެރިކަން ލިބޭ ޕާޓީއަކަށް ސަރުކާރު ލިބުމާއެކު އިންތިހާބަށް ނިކުންނަނީ ދިޔާނާ ވިދާޅުވި ފަދައިން ސަރުކާރުގެ ހުރިހާ ބާރަކާއި ވަސީލަތަކާއެކުއެވެ. އިދިކޮޅުގައި އޮންނަ ރިޔާސީ އިންތިހާބުން ބަލިވި ޕާޓީއަށް މިދެންނެވުނު ވަސީލަތްތަކެއް ނުލިބެއެވެ. އަދި ކެމްޕެއިނުކުރަންޖެހެނީ ސަރުކާރު ހިންގާ ޕާޓީން "ސަރުކާރު ކެންޑިޑޭޓުން" ނުވަތަ "ރައީސުލްޖުމްހޫރިއްޔާގެ ކެންޑިޑޭޓުން"ގެ ގޮތުގައި ދައްކުވައިދޭ ކެންޑިޑޭޓުންނާ ދެކޮޅަށެވެ. 

މިކަމުގެ ނަތީޖާއަކަށްވަނީ ސަރުކާރު ހިންގާ ޕާޓީއަށް ލިބޭ ބޮޑު އެޑްވާންޓޭޖެވެ. އެހެން ޕާޓީތަކުގެ މައްޗަށް ކުރި ހޯދުމަށް ލިބޭ ހުރިހާ ފުރުސަތުތަކެއް އެ ޕާޓީތަކުން ބޭނުންކުރަނީ މަޖިލީހުގެ މުތުލަގު އަޣުލަބިއްޔަތު ނުވަތަ ސުޕަ މެޖޯރިޓީ ހޯދުމަށެވެ. އިދިކޮޅު ޕާޓީގެ ވަސީލަތްތައް މަދުވެ، ކެމްޕެއިން ކުރުމުގެ ގާބިލުކަމަށް އަންނަ ހީނަރުކަމާއެކު، މިދެންނެވި ހާލަތުގައި އެ ޕާޓީއަށް ކާމިޔާބުކުރެވެނީ މަދު ގޮނޑިތަކެކެވެ. 2019 އަދި 2024 ގައިވެސް ފެނުނީ މި މަންޒަރެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި އޮތުމުން ހުރިހާ ޕާޓީތަކަކަށްވެސް ވަސީލަތްތަކުގެ ގޮތުން ހަމަހަމަ ފުރުސަތެއް ލިބެއެވެ. އަދި ސަރުކާރުގެ ދައުރު ނިމި، ވެރިކަން ހިންގުމަށް ރައްޔިތުން ދިން ވަގުތު ހަމަވުމާއެކު، އެ ސަރުކާރަކަށް އޮންނަ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބާރު ކުޑަވެ، އެ ސަރުކާރެއްގެ ޑެލިވެރީ ނުވަތަ ހިދުމަތް ފޯރުކޮށްދެވުނު މިންވަރަށް ބަލައި އިންތިހާބީ ނިންމުން ނިންމުމަށް ރައްޔިތުންނަށް ފުރުސަތު ލިބެއެވެ. 

އެހެންކަމުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލީހުގެ މެންބަރުންނާމެދު ނިންމާ ނިންމުމަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ރިއާޔަަތްކޮށްގެން ނިންމާ ނިންމުމަކަށްވުރެ ކުރިމަތިލައްވާފަައިވާ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުން ހުށަހަޅުއްވާ ސިޔާސަތުތަކަށް ބިނާކުރައްވައިގެން ނިންމަވާ ނިންމެވުމަކަށްވެއެވެ. 

ގިނަ ރައްޔިތުންނަށް ފެންނަ ގޮތް ތަމްސީލުވުމަށް ބޮޑު ފުރުސަަތެއް

އިންތިހާބުތައް އެކުގައި ބޭއްވުމުން ލިބޭ މަންފާއާމެދު ކުރެވިފައިހުރި ހުރިހާ ދިރާސާތަކުން ސާބިތުވާ އެކަމަކާމެދު ދެބަސްވުމެއް ނެތް ހަގީގަތަކީ، މިގޮތަށް އިންތިހާބުތައް ބޭއްވުމުން ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވުމެވެ. ހާއްސަކޮށް ގިނައިން މީހުން ވޯޓުލާ އިންތިހާބަކާއި މަދުން ވޯޓުލުމަށް މީހުން ނިކުންނަ އިންތިހާބެއް އެއް ދުވަހެއްގައި ބޭއްވުމުން ކުރިން މީހުން މަދު ވޯޓުލި އިންތިހާބުގެ ވޯޓުލުމުގައި ބައިވެރިވާ މީހުން އިތުރުވެއެވެ. 

ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކުގައި އާއްމުން ވޯޓުލީ މިންވަރަށްވުރެ މަޖިލީހުގެ އިންތިހާބުތަކުގައި ވޯޓުލީ މިންވަރު ދިހަ ވަރަކަށް އިންސައްތަ ދަށްކަމަަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަތީޖާއަކީ ވަރަަށް މަދު ދާއިރާއެއްގަައި ނޫނީ މަޖިލީހުގެ މެންބަރުންނަކީ ދާއިރާގެ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތުން ހޮވިވަޑައިގެން ތިއްބެވި ބޭފުޅުންނެއް ނޫނެވެ. 

މިހާރު ހިނގަމުންދާ މަޖިލީހުގައި ވޯޓުލާ އާބާދީގެ 14 އިންސައްތައިގެ ވޯޓުން ހޮވިވަޑައިގެން ތިއްބެވި މެންބަރުންވެސް އެބަ ތިއްބެވިއެވެ. މިހެން މެދުވެރިވަނީ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ އާބާދީ މަދުވުމާއި، ވޯޓު ގިނަ ކެންޑިޑޭޓުންގެ މެދުގައި ބެހިގެންދިއުމުގެ ސަބަބުންނެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވުމުން މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމުގެ ވޯޓުގައި ބައިވެރިވާ މީހުންގެ އަދަދުވެސް އިތުރުވެއެވެ. މިކަމުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ކުދި ޕާޓީތަކަށާއި އަމިއްލަ ކެންޑިޑޭޓުންނާއި، އިދިކޮޅުގައި ތިބޭ ޕާޓީތަކަށެވެ. އެއީ ގިނަ މީހުން ވޯޓުލާން ނުކުތުމުން ވޯޓުގައި އެ ޕާޓީތަކުގެ ހިއްސާ އިތުރުވުމުގެ ފުރުސަތު ބޮޑުވާތީއެވެ. 

އަދި ވޯޓުގައި ބައިވެރިވާ މީހުންގެ އިތުރުވުމަކީ ދާއިރާތައް ތަމްސީލުކުރުމަށް ހޮވޭ މެންބަރުންނަކީ ހަގީގަތުގައިވެސް އެ ދާއިރާއެއްގައި މަގުބޫލު ގިނަ ރައްޔިތުންގެ ތާއީދު އޮތް ކެންޑިޑޭޓުންނަށްވުމެވެ. 

ގާބިލު މީހުން މަޖިލީހަށް ހޮވުމަށް މަގުފަހިވޭ

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލީީހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ނުތިބޭނެއެވެ. ސަރުކާރަށް ބަލައިގެން ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ބަދަލުގައި ކެންޑިޑޭޓުންގެ ގާބިލުކަމަށް ރިއާޔަތްކޮށްގެން ވޯޓުދިނުމުގެ ސަގާފަތެއް އެކަމުގެ ސަބަބުން އުފެދޭނެއެވެ. އެފަދަ ސަގާފަތެއްގަައި ޕާޓީތަކުން މަޖިލީހަށް ކޮލިޓީ ރަނގަޅު ފެންވަރުގެ ކެންޑިޑޭޓުން ނެރުމަށް އިސްކަންދޭނެއެވެ. 

މި ބަދަލުއައުމުގެ ސަބަބުން ގާބިލު މީހުން މަޖިލީހަށް ކުރިމަތިލައި، އިންތިހާބުވުމަށް އޮންނަ ފުރުސަތު މިހާރަށްވުރެ ބޮޑުވެއެވެ. އަދި މަޖިލީހުގައި އިލްމީ މީހުން ތިބޭ މިންވަރު އިތުރުވެ، ސަރުކާރު ޖަވާބުދާރީކުރުވުމާއި ގާނޫނު ހެދުމުގެ ޒިންމާ އިހުނަށްވުރެ ރަނގަޅަށް އަދާކުރުމަށް ފުރުސަތު ލިބެއެވެ. 

އެހެންކަމުން ޕާޓީތަކަށް ގާބިލު ކެންޑިޑޭޓުން މަޖިލީހަށް ނެރެ، މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް މަގުފަހިވެއެވެ. ވެރިކަން ހިންގާ ޕާޓީވެސް ސަރުކާރުގެ ނަމަށް ބަރޯސާވުމުގެ ބަދަލުގައި ނެރޭ ކެނޑިޑޭޓުންގެ ގާބިލުކަމަށް ބަރޯސާވާން މަޖުބޫރުވެއެވެ. އަދި އިިދިކޮޅު ޕާޓީތަކަށްވެސް ގާބިލު ކެންޑިޑޭޓުން ނެރެ އެ ކެންޑިޑޭޓުންގެ ގާބިލުކަމުގެ މައްޗަށް ކެމްޕެއިން ބިނާކުރަންޖެހެއެވެ. 

ހުލާސާއަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ވެރިކަމުގައި އޮންނަ ޕާޓީއަށް މިހާރު އޮތް ނިޒާމުގައި ލިބޭ ބޮޑެތި ފުރުސަތުތަކާއި އެޑްވާންޓޭޖުތައް ހަނިކޮށް، އިދިކޮޅާއި ސަރުކާރު އެއްހަމަ ގޮތެއްގައި ވާދަކުރަން މަޖުބޫރުކުރުވާ ކަމެއް ކަމެވެ. އަދި އެއީ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމަށް މިހާރަށްވުރެ ގާބިލު މީހުން ހޮވުމަށް މަގުކޮށާނެ ކަމެއް ކަމެވެެ. އެއިން ހުރިހާ ޕާޓީއަކަށްވެސް ލިބެން އޮތީ ފައިދާއެވެ. ޕާޓީތަކުގެ ހިންގުން ހަރުދަނާވެ، ޕާޓީ ނިޒާމަަށް އިސްލާހީ ބަދަލުތަކެއް ގެނުވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު