ENGLISH
10 އޭޕްރީލު 2025
ބަޔާނުން ފަހަތުން އަރައި ޝަހުތަރު ބަލިކޮށްފި
11 ޑިސެމްބަރު 2024
|
ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
މައިކަލް އޮލީސޭ ވައްދާލި ދެ ލަނޑާއެކު ބަޔާން މިއުނިކުން ފަހަތުން އަރައި، 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޝަހުތަރު ޑޮނެސްކް ބަލިކޮށްފިއެވެ.
ވެލްޓިންސް-އެރީނާގައި ރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ޝަހުތަރުން ލީޑު ނެގީ އެ ޓީމުގެ ބްރެޒިލް ފޯވާޑް، ކެވިން ކާމިޔާބުކުރި ގޯލުންނެވެ.
އޭގެ ހަ މިނެޓު ފަހުން، ކޮންރަޑް ލައިމާގެ ގޯލުން ބަޔާނުން އެއްވަރުކޮށްފައިވާއިރު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ބަޔާނުން ފުރަތަމަ ފަހަރަށް ލީޑު ނެގީ ތޯމަސް މުލާ ކާމިޔާބުކުރި ގޯލުންނެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ބަޔާންގެ ތިންވަނަ ލަނޑު، އޮލީސޭ ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެފަހުން، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް، ޖަމާލް މުސިއާލާ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެފަހުން، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބަޔާންގެ ފަސްވަނަ ލަނޑުޖަހައިދިނީ އޮލީސޭ އެވެ.
ބަޔާންއާ ޝަހުތަރު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
މި ނަތީޖާއާ އެކު ބަޔާން ވަނީ ޗެމްޕިއަންސް ލީގުގެ ތާވަލްގެ އަށްވަނަ އަށް ޖެހިލައިފައެވެ. އެ ޓީމަށް ކުޅުނު ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ ލިވަޕޫލަށް ލިބިފައިވަނީ ހަ މެޗުން 18 ޕޮއިންޓެވެ.
މި މެޗުން ބަލިވި ޝަހުތަރު އޮތީ ތާވަލްގެ 27 ވަނައިގައެވެ. ޝަހުތަރަށް ހަ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބްރެސްޓްގެ ދަނޑުގައި އެ ޓީމުން ވަނީ 1-0 އިން ޕީއެސްވީ އެއިންދޯވަން ބަލިކޮށްފައެވެ.
ޑީނަމޯ ޒަގްރެބްގެ ދަނޑުގައި ސެލްޓިކާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗު ނިމުނީ ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ކްލަބް ބްރޫޖްގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން ސްޕޯޓިން ލިޒްބަން ބަލިކޮށްފައެވެ.