ENGLISH

11 ފެބްރުއަރީ 2026

Advertisement

ސަޢޫދީ ޢަރަބިއްޔާގެ ހުރިހާ ސަރަޙައްދެއްގައި އިސްތިސްޤާ ނަމާދު ކުރުމަށް ރަސްގެފާނު އަންގަވައިފި

11 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރަސްގެފާނު ސަލްމާން

ސަޢޫދީ ޢަރަބިއްޔާގެ ހުރިހާ ސަރަޙައްދެއްގައި އިސްތިސްޤާ ނަމާދު ކުރުމަށް ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަންގަވައިފި އެވެ.

ރަސްގެފާނުގެ އެ އެންގެވުމާއި ގުޅޭ ޝާހީ އަމުރުފުޅު ވަނީ އާންމު ކުރައްވާފަ އެވެ. އެ އެންގެވުމުގައި ވަނީ އަންނަ ބުރާސްފަތި ދުވަހު، ސަޢޫދީ ޢަރަބިއްޔާގެ ހުރިހާ ސަރަޙައްދެއްގައި އިސްތިސްޤާ ނަމާދު ކުރުމަށެވެ. އަދި ކުޅަދާނަވީ ކޮންމެ މީހަކު އެ ނަމާދު ކުރުމަށާއި ޖަމާޢަތުގައި ބައިވެރިވުމަށް އިލްތިމާސް ކުރައްވާފައިވެ އެވެ.

ރަސްގެފާނު ވަނީ ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރުމަށާއި، އިޙްސާންތެރިވުމަށާއި، ސުންނަތް ނަމާދުތަކާއި ހެޔޮކަންކަން ކުރުން އިތުރުކުރުމަށްވެސް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

އިސްތިސްޤާ ނަމާދަކީ، ވާރޭ ނުވެހި ގިނަދުވަސްވެ، ހަނަފަސްކަން ބޮޑުވުމުން، އެ ޙާލަތުން މިންޖުކޮށްދެއްވައި ވާރޭ ވެއްސަވައިދެއްވުން އެދި ބޮޑު ޖަމާޢަތުގައި ކުރާ ސުންނަތް ނަމާދެއްކެވެ.

ނަބިއްޔާގެ ދުވަސްވަރު ވެސް ވާރޭވެހުން މަދުވެ ގިނަ ދުވަސްވުމުން އިސްތިސްޤާ ނަމާދު ކުރައްވާފައިވެ އެވެ. މިއީ ދެ ރަކްޢަތުގެ މައްޗަށް އެކުލެވޭ ނަމާދެކެވެ. ފުރަތަމަ ރަކުޢަތުގައި ހަތް ތަކުބީރު އަދި ދެވަނަ ރަކުޢަތުގައި ފަސް ތަކުރީބެވެ. އޭގެ ފަހުން ޚާއްސަ ދުއާއެއް ކުރުން އޮވެ އެވެ.

ނަމާދު ނުކޮށް ވެސް އިސްތިސްޤާ ދުޢާ ކުރެވިދާނެ ކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެ އެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދެ ރަކްޢަތުގެ ނަމާދަކަށް ފަހު ދުޢާ ކުރުމެވެ. އަދި ޚުތުބާއެއް ވެސް އިވެ އެވެ.

ސަޢުދީގައި 2017 ވަނަ އަހަރުވެސް މި ނަމާދު ކޮށްފައިވެ އެވެ. ރާއްޖޭގައި ވެސް 2019 ވަނަ އަހަރު މި ނަމާދު ކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު