ENGLISH
11 ފެބްރުއަރީ 2026
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރުމަށް އެދި ހުށަހެޅުމެއް
11 ފެބްރުއަރީ 2026
|
ދިވެހިރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ މަންސަތަށް ބޭނުން ކުރުން މަނާކުރުމަށް ގޮވާލުން--ފޮޓޯ: ސްކޫޕް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގައި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ މަންސަތަށް ބޭނުން ނުކުރެވޭނެގޮތް ހެދުމަށާއި، އެއްވެސް އުމުރެއްގެ ދަރިވަރަކަށް ސްކޫލުގައި ފޯނު ބޭނުން ނުކުރެވޭނެ ގޮތް ކަނޑައަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މި ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) މެދުވެރިކޮށެވެ.
މި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި މިފަހަކަށް އައިސް ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ މަންސަތައް ބޭނުން ކުރުން ވަނީ އިތުރުވެފަ އެވެ. އަދި އެކުދިން ސޯޝަލް މީޑިއާގައި ކުރާ ކަމެއް ބެލެނިވެރިންނަށް ނޭގޭ ކަމާއި، އެކަންތައްތައް ބަލާނެ ވަގުތެއްވެސް ބެލެނިވެރިންނަށް ނުވުމުގެ ސަބަބުން ޔޫޓިއުބް، ޓިކްޓޮކް ފަދަ މަންސަތަކުން ކުޑަކުދިންނަށް ނޭދެވޭ ފާހިޝް އަމަލުތަކާއި ބަސްތައް ދަސްވަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
ޕެޓިޝަންގައި ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ކުދިންގެ އުމުރާ ނުގުޅޭ ނުވަތަ ފާހިޝް ވީޑިއޯތަކުގެ ސަބަބުން އެކުދިންނަށް އަހުލާގީ އަދި ތޮބީޢީ ބަދަލުތަކެއް އަންނަމުންދާކަމަށެވެ. އެހެންކަމުން ފޭސްބުކް، ޓްވިޓާ، ޔޫޓިއުބް، ޓިކްޓޮކްގެ އިތުރުން ބައެއް ނޫސްތަކާއި އެނޮނިމަސް ނުވަތަ ކާކުކަން ނޭގޭނެހެން ޕޯސްޓްކޮށް ހެދޭ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ނުވަދެވޭނޭހެން ގާނޫނު އިސްލާހު ކުރުމަށް ވަނީ އެދިފަ އެވެ.
ސޯޝަލް މީޑިއާގެ ވަސީލަތްތަކަށް ވަނުން މަނާކުރާ ގަވާއިދު އިސްލާހު ކުރުމަށްފަހު އެގަވާއިދުތަކަށް ބޯނުލަބާނަމަ ނުވަތަ އެ ކުދިން ސޯޝަލް މީޑިއާގެ މަންސަތަށް ބޭނުން ކުރަމުންދާނަމަ، އެ ކުދިންނަށާއި ބެލެނިވެރިންނަށް ކައުންސެލިން ނުވަތަ ނަސޭހަތް ދިނުމަށާއި، ތަކުރާރުވާނަމަ އެ މައްސަލަތައް ޖެންޑާ މިނިސްޓްރީން ބެލޭނެ ފަދަ ބާރުތަކެއް ދިނުމަށް ޕެޓިޝަންގައި ހުށަހަޅާފައިވެ އެވެ. އަދި ސްކޫލްތަކާއި ކޮލެޖުތަކަށް މޯބައިލް ފޯނު ނުވެއްދޭނޭހެން ޤަވައިދެއް ހަދައި، އެއަށް އަމަލުކުރަން ފެށުމަށްވެސް ވަނީ އެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި، ހުށަހަޅާ ޕެޓިޝަނެއް ރަސްމީކޮށް ބަލައިގަނެވޭނީ މަދުވެގެން 500 މީހުންގެ ސޮއި އޮވެގެންނެވެ. ނުވަތަ މަޖިލީހުގެ މެންބަރަކު އެ ޕެޓިޝަނެއް ސްޕޮންސާ ކޮށްގެންނެވެ. އިއްޔެ ހުށަހެޅި މި ޕެޓިޝަންގައި މިހާތަނަށް 19 މީހަކު ސޮއިކޮށްފައިވާއިރު، 500 ސޮއި ހަމަކުރުމަށް ހަ ހަފްތާގެ މުއްދަތެއް ލިބެ އެވެ.