ENGLISH
11 ފެބްރުއަރީ 2026
އީޖާދީ މަސައްކަތްތަކުގައި އަންހެން ކުދިންނަށް ކުރިއަށް ދިއުމުގައި ހުރި ހުރަސްތައް ނައްތާލާނަން: ރައީސް
11 ފެބްރުއަރީ 2026
|
ރައީސް މުއިއްޒު ސީއެޗްއެސްއީގެ ދަރިވަރުންތަކަކާ އެކު. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
އީޖާދީ މަސައްކަތްތަކުގައި އަންހެނުންނާއި އަންހެން ކުދިންނަށް ކުރިއަށް ދިއުމުގައި ހުރި ހުރަސްތައް ނައްތާލައި ގައުމީ ތަރައްގީގައި ބައިވެރިވުމުގެ މަގު ކޮށައިދީ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދަ ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުންދާ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި، ސިއްޙީ ދާއިރާ، ހަކަތަ، ސައިބަރ ސެކިއުރިޓީ އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ދާއިރާތަކުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އަންހެނުންގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ.
މި ދާއިރާތަކުން އަންހެނުންނާއި އަންހެން ކުދިން ކުރިއަށް ދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި މަތީ ތައުލީމުގެ ފުރުސަތުތަކާއި، ފަންނީ ތަމްރީނާއި، ސްކޮލަރޝިޕްތަކުގެ އިތުރުން އިންޖިނިއަރިންގ، އައިސީޓީ، މެރިން ސައިންސް އަދި ސިއްޙީ ދާއިރާއިން އައު ޕްރޮގްރާމްތައް ތައާރަފު ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސައިންސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކޮންމެ ދިވެހި އަންހެން ކުއްޖަކަށް އެ ފުރުސަތު ފަހިކޮށްދީ، އެ ދާއިރާތަކުން ކުރިއަށްދިއުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީމަހުގެ 11 ވަނަ ދުވަހެވެ. މިދުވަހަކީ 2015 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ ފެންވަރެއްގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުންދާ ދުވަހެކެވެ.
މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ މި ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް އަންހެނުންނަށް ވެސް ފުރިހަމައަށް އަދި އެއްހަމައެއްގައި މިދާއިރާގައި ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރުމާއިއެކު އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުމުގެ މަގްސަދުގައެވެ.