ENGLISH
25 ޖެނުއަރީ 2026
ލާމަރުކަޒީ ނިޒާމު "ޗެމްޕިއަން" ކުރައްވާ ހަމައެކަނި ވެރިއަކީ ރައީސް ޑރ. މުއިއްޒު: ފަލާހް
22 ޖެނުއަރީ 2026
|
ޕީއެންސީގެ ޖަލްސާއެއްގައި ފަލާހު ވާހަކަ ދައްކަވަނީ
ލާމަރުކަޒީ ނިޒާމު "ޗެމްޕިއަން" ކުރައްވާ ހަމައެކަނި ވެރިއަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަަމަށް ވާދަކުރައްވާ ރިޓަޔަޑް މޫސާ އަލީ ޖަލީލާއި އެ ޕާޓީގެ ފަރާތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ ޢާއިޝަތު އަލައިކާ އަދުނާންގެ އިތުރުން މި އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ މާލެ ސިޓީގެ ހުރިހާ ކެންޑިޑޭޓުން، "ދޮރުންދޮރަށް ހިނގުން" ރަސްމީކޮށް ފެށުމުގެ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.
ކުރިއަށް އޮތް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހުރިހާ ކައުންސިލަކަށް ވާދަކުރާއިރު ކެމްޕެއިނުގެ ހަރަކާތްތައް ފޯރީގައި ބާރަށް ކުރިއަށް ގެންދިއުމަށް ފަލާހު ވަނީ އިލްތިމާސްކުރައްވާފައެވެ.
މަރުކަޒުވެފައި ހުރި ބާރުތައް ޑިމޮކްރަސީގެ ރީތި ހަމަތަކުގެ ތެރެއިން ރައްޔިތުންގެ އަތްމައްޗަށް ދޫކުރުމުގެ މަގުސަދުގައި ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފު ކުރެވުނުތާ 15 އަހަރުވިއިރު މި ނިޒާމު ފައްކާކޮށް "ޗެމްޕިއަން" ކުރައްވަން މަސައްކަތްކުރައްވާ ހަމައެކަނި ވެރިޔަކީ ރައީސް ޑރ. މުއިއްޒު ކަމަށް ފަލާހު ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށް މަސައްކަތް ކުރައްވާ ހަމައެކަނި ވެރިޔަކީ ރައީސް ޑރ. މުއިއްޒު. ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރައްވާ ހަމައެކަނި ވެރިޔަކީވެސް ރައީސް ޑރ. މުއިއްޒު. އެކަމަށްޓަކައި ރައީސް ޑރ. މުއިއްޒަށް ޕާޓީގެ ފަރާތުން ޝުކުރު ދަންނަވަން." - ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު
ފަލާހު ވަނީ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތް މިއަދު ފެށިގެންދިޔައިރު ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޝަކުވާތައް ސަރުކާރާ ހަމައަށް ގެނެސްދީ އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކޮށްދިނުމަށް ކެންޑިޑޭޓުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކޮންގްރެެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަށަވަރުކޮށްފައިވާއިރު އޭޕްރީލު ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އިންތިހާބުކުރަންޖެހޭ މަގާމުތަކުގެ 97 އިންސައްތައަށްވުރެ ގިނަ މަގާމަށް އެ ޕާޓީން ކެންޑިޑޭޓުން ނެރެއެވެ. މިއީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ލޯކަލް ކައުންސިލު އިންތިހާބުގައި އެންމެ ގިނަ ދާއިރާއަށް އަދި ގޮނޑިތަކަށް ވާދަކުރާ ފަހަރެވެ.
އެ ޕާޓީން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބުކުރުމަށް އެ ޕާޓީ އޮތީ ފުރިހަމައަށް ތައްޔާރަށެވެ.