ENGLISH
23 ޖެނުއަރީ 2026
އިންތިހާބުގައި، ރައީސް ފެއިލްކޮށްލަން ކެންޑިޑޭޓުން ނެރޭނަމަ ރައްޔިތުން ބަލައެއް ނުގަންނާނެ: ނަރީޝް
21 ޖެނުއަރީ 2026
|
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ނަރީޝް ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ނެރޭ ކެންޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފެއިލްކޮށްލުމަށް ކަމަށް ބުނެ ނެރޭ ބަޔަކަށް ހެދުމަށް މަސައްކަތްކޮށްފިނަމަ ރައްޔިތުން އެމީހުން ބަލައި ނުގަންނާނެކަމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
"އެމްއެމްޓީވީ"ގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނަރީޝް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންދަނީ ވަރަށް ރޭވުންތެރި ކަމާއެކުގައިކަމަށެވެ. ތަރައްގީގެ މަޝްރޫއުތަކާއެކު ސަރުކާރު ބާރު ސްޕީޑުގައި ހިނގައިގަތް ދަނޑިވަޅުގައި ސަރުކާރުގެ ދުވެލި މަޑުޖައްސާލައި، ރައީސް ފެއިލް ކޮށްލަން ނެރޭ ޝީލްޑްތަކެއްގެ ގޮތުގައި ކެންޑިޑޭޓުން ހެދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރުމުން ދާ ދިއުން ރައްޔިތުން ބަލައިނުގަންނާނެކަމަށް ނަރީޝް ވިދާޅުވިއެވެ.
""ހުރިހާ ރަށެއްގައި ތަރައްޤީގެ ޕްރޮޖެކްޓުތައް ފަށާފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ފެއިލް ކޮށްލަން ނެރޭ ޝީލްޑްތަކެއްގެ ގޮތުގައި ކައުންސިލް އިންތިޚާބުގައި ނެރޭ ކެންޑިޑޭޓުން ހެދުމަށް އެމްޑީޕީން ނުކުތީމަ އެކަން ރައްޔިތުން ބަލައެއް ނުގަންނާނެ. އެބޭފުޅުން މާކުރިން ވިދާޅުވެއްޖެ މިހެން ހަދަންށޭ (ސަރުކާރު ހިންގުމަށް ލޮޅުން އަރުވާލައި ތަރައްގިއަށް ދަތިކުރާށޭ) މިއުޅެނީ."" - އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އަޙްމަދު ނަރީޝް
ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް އަވަހަށް ނިންމައި އޭގެ މަންފާ ލިބުމަށް ރައްޔިތުން އެދޭކަމަށާއި ވުމާއެކު އިދިކޮޅު ފަރާތްތަކުން ކުރާ މިފަދަ ކަންކަން ރައްޔިތުން ބަލައި ނުގަންނާނެކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ބުނެ ބައެއް ކައުންސިލްތަކުން މަސައްކަތް ކުރަމުން އަންނާތީ އެކަމަށް ރައްދު ދެއްވައި ކައުންސިލެއްގެ މެންޑޭޓުގައި ސަރުކާރު ޖަވާބުދާރީ ކުރުވުން އޮތީ ގާނޫނުގެ ކޮން ހިސާބަކުތޯ ނަރީޝް ވަނީ ސުވާލު އުފައްދަވާފައެވެ.
އަދުގެ ސަރުކާރުން ބޭނުންވާ ތަރައްގީ މުޅި ރާއްޖެއަށް ގެނެވޭނީ ސަރުކާރު ފިކުރުގެ ކެންޑިޑޭޓުން ހޮވައިގެންކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން މިކަމަށް ސަމާލުކަން ދިނުމަށް ނަރީޝްވަނީ އިލްތިމާސްކުރައްވާފައެވެ.