ENGLISH
21 ޖެނުއަރީ 2026
މެޓް އޮފީހުގެ ބްރޭންޑިން އިފްތިތާހުކޮށްފި
21 ޖެނުއަރީ 2026
|
ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ބްރޭންޑިންގ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މެޓް އޮފީހުގެ ބްރޭންޑިންގ އިފްތިތާހުކޮށްދެއްވީ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤު އިބްރާހިމް އެވެ.
މިއީ އެ މުއައްސަސާ އިން ފޯރުކޮށްދޭ މޫސުން، ބިންހެލުމާއި ސުނާމީ އަދި ދުރާއިންޒާރީ މަޢުލޫމާތުތައް ތަރުތީބުކޮށް އެއް ބައްޓަމަކަށް ހުށަހަޅައިދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން، މިއީ ޗައިނާ އިންްޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ އެހީގައި ޔޫއެންޑީޕީއިން ހިންގާ "ތައްޔާރު" ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވުނު މަސައްކަތެއްކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގެ ދަށުން ދިވެހިރާއްޖޭގެ 5 ސަރަޙައްދެއްގައި މޫސުމާއި ބެހޭ އޮފީސްތައް ޤާއިމް ކުރެވިފައި ވެއެވެ. މޫސުމާއިބެހޭ 5 އޮފީހުގެ ޚިދުމަތްވެސް މިހާރު 24 ގަޑިއިރު ފޯރުކޮށްދެމުންދާއިރު މޫސުމާބެހޭ އިތުރު މަޢުލޫމާތު އެކިސަރަޙައްދުން ވަގުތުންވަގުތަށް ބެލުމަށް 38 އޮޓަމެޓިކް ވެދަރ ސްޓޭޝަނާއި 3 ޓައިޑް ގޭޖް މިވަނީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ޤާއިމް ކުރެވިފައެވެ. މީގެއިތުރުން ބިންހެލުން ދެނެގަތުމަށް ރާއްޖޭގައި 2 ސީސްމޮމީޓަރު ހަރުކުރެވި ދުނިޔޭގެ ސީސްމޮމީޓަރުގެ ވިއުގައާއިވަނީ ގުޅާލެވިފައެވެ.