ENGLISH
21 ޖެނުއަރީ 2026
ގުދުސްގައި ހުންނަ އުންރުވާގެ އިމާރާތްތައް ސުންނާފަތިކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
21 ޖެނުއަރީ 2026
|
އުންރުވާގެ އިމާރާތްތައް ސުންނާފަތިކޮށްލާފައި// ފޮޓޯ؛އަލްޖަޒީރާ
ގުދުސްގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދ. ގެ ޖަމިއްޔާއެއް ކަމަށްވާ އުންރުވާގެ މައި މަރުކަޒުގައި ހުރި އިމާރާތްތަކެއް ސުންނާފަތިކޮށްލި މައްސަލަ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާހް ސަރަހައްދުގައި ހުންނަ އުންރުވާގެ އިމާރާތްތަކަށް އަމާޒުކޮށް ސަހުޔޫނީން ދިން މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ.
ސަހުޔޫނީންގެ މި އަމަލަކީ އދ. އާއި ބައިނަލްއަގުވާމީ އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރަސްއަޅައި، އެ މަސައްކަތްތަކުގެ އަގުވައްޓާލުމަށް ހިންގި ހަރުކަށި އަމަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން، މިއީ އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ނެރެފައިވާ އަމުރުތަކާ ވެސް ހިލާފު ކަމެއްކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ސަހުޔޫނީންގެ މިފަދަ އަމަލުތަކުގެ ސަބަބުން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އުންރުވާއިން އަދާކުރާ މުހިންމު ދައުރަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ސަހުޔޫނީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އެ މީހުން ޖަވާބުދާރީކުރުވުމަށް ބާރުއެޅުމަށާއި، މިފަދަ އަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ދިވެހިރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.
ޣައިރު ގާނޫނީ ސަހުޔޫނީ ދައުލަތުން ޝެއިހް ޖަރާހުގައި ހުންނަ އަންރުވާގެ އިމާރާތްތަކަށް ހަމަލާ ދީފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އަންރުވާއިން ފަލަސްތީނަށް ތާއީދުކުރާ ކަމަށް ބުނެ ސަހުޔޫނީން ވަނީ މީގެ ކުރިން ފާޑުކިޔާފައެވެ. އަދި އަންރުވާގެ އިމާރާތްތައް ތަޅާލުމަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޮށްފައިވާ ކަމެއް ކަމަށް ސަހުޔޫނީން ވަނީ ބުނެފައެވެ.
އުންރުވާ އުވާލުމަށް މީގެ ކުރިން ވެސް ސަހުޔޫނީން މަސައްކަތްކޮށްފައިވާއިރު އުންރުވާއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ހެދުމަށް އެމެރިކާ ސަކާރުން ވެސް މަސައްކަތް ކޮށްފައިވެއެވެ.
އުންރުވާ އުވާލައި އިސްރާއީލާއި ޔަހޫދީން ވެރިވެގަނެފައިވާ ބިންތަކުގައި އެ އިދާރާއަށް ހަރަކާތްތެރިވުން މަނާކުރަން ކުރާ ކޮންމެ ކަމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، އަދި އދ.ގެ ޗާޓަރުގެ އިތުރުން އދ.ގެ ގުނަންތަކަށް ހާރިޖީ ބާރުތައް ދިނުމާ ގުޅޭ މުއާހަދާއާ ހިލާފު އަމަލެކެވެ.
އުންރުވާއިން ފޯރުކޮށްދޭ އެހީއަށް ހުރަސް އެޅުމަށް ސަހުޔޫނީން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން މީގެ ކުރިން ބުނެފައިވަނީ، ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކުގެ މައިބަދައަކީ އުންރުވާ ކަމުގައެވެ. އަދި އެ ޖަމުއިއްޔާގެ ބަދަލުގައި އެ ޒިންމާތައް އަދާކުރެވޭނެ އެހެން އިދާރާއެއް މި ވަގުތު ނެތް ކަމުގައެވެ.
އުންރުވާއަކީ ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން އުރުދުނާއި، ލުބްނާން އަދި ސޫރިޔާގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އެކުލަވައިލާފައިވާ އިދާރާއެކެވެ.