ENGLISH

21 ޖެނުއަރީ 2026

Advertisement

ހދ.އަތޮޅު ކައުންސިލުގެ އޮޑިޓު؛ ތަޖުރިބާ ދަތުރަށް ކުރި ބޮޑު ހޭދައާއި ނުގަވައިދުން މުވައްޒަފުންނަށް ދިން ފައިސާ

21 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ހދ.އަތޮޅު ކައުންސިލުން 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި އެކައުންސިލުން އެ އަހަރު ކުރިއަށްގެންދިޔަ ތަޖުރިބާގެ ދަތުރަށް ބޮޑު ހޭދައެއްކުރިކަމަށާއި، އެ ދަތުރުން އެކަށީގެންވާ ނަތީޖާއެއް ހާސިލުނުވާކަމަށާއި ގަވާއިދާ ހިލާފަށް މުވައްޒަފުންނަށް އިނާޔަތުގެ ގޮތުގައި އެއްލައްކައަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ހާމަކޮށްފިއެވެ. 

އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި 2024 ވަނަ އަހަރު ކައުންސިލުތަކުގެ ރިކަރަންޓު ހަރަދުތައް ކުޑަކޮށް، ކޮންމެހެން ކުރަންޖެހޭ ހަރުތަކެއް ނޫނީ ނުކުރުމަށް ސިޓީތަކާއި އިދާރީ ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި މާލީ ވުޒާރާއިން ނެރުނު ސާކިއުލާތަކެއްގެ ޒަރީއާއިން އަންގާފަައި އޮއްވައި ހދ.އަތޮޅު ކައުންސިލުން ހަތަރު ރަށަކަށް ދަތުރުކުރީ އެ އިރުޝާދާ ހިލާފަށެވެ. 

އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ބަލައި ތަޖުރިބާކުރުމަށް ކައުންސިލުގެ އިދާރާ ތަމްސީލުކުރާ ދިހަ މެންބަރުނާއި، ސެކްރެޓަރީ ޖެނެރަލްއާއި ކައުންސިލުގެ ސީނިއާ މެނޭޖުމެންޓުގެ މުވައްޒަފެއް ހިމެނޭ ގޮތަށް 12 ބޭފުޅަކު އައްޑުއަށާއި ފުވައްމުލަކަށް އަށް ދުވަހުގެ ތަޖުރިބާ ދަތުރުކުރެއްކުރެއްވި ކަމށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި ދަތުރަށް 186،584 ރުފިޔާ ހަރަދުކުރީ ކައުންސިލުގެ ބަޖެޓުންނެވެ. 

އަދި ފ.އަތޮޅާއި ދ.އަތޮޅުގެ ކައންސިލުގެ މަސައްކަތްކުރިއަށްދާ ގޮތް ބަލައި ތަޖުރިބާކުރުމަށް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލުގެ އިދާރާގެ 11 މުވައްޒަފުން ހިމެނޭހެން ޖުމްލަ 12 ބޭފުޅެއް އެ ދެ އަތޮޅަށް އަށް ދުވަހުގެ ދަތުރަކު ވަޑައިގަތެވެ. އެ ދަތުރަށް 172،138 ރުފިޔާ ކައުންސިލުގެ ބަޖެޓުން ހަރަދުކުރިއެވެ. 

އެހެންކަމުން ހދ.އަތޮޅު ކައުންސިލުންވަނީ ތަޖުރިބާ ދަތުރުތަކަށް ޖުމްލަ 358،722 ރުފިޔާ 2024 ވަނަ އަހަރު ހަރަދުކޮށްފައެވެ. މި ދަތުރުތައް ރޭވުުމުގައި އެ ދަތުރުތަކުން ހާސިލުކުރާނެ ތަޖުރިބާތަކަކީ ކޮަބައިކަން ކަނޑައަޅާފައިނުވެއެވެ. އަދި ދަތުރުތަކަށްފަހު ދަތުރުތަކުން ހާސިލުވި ކަންކަންވެސް ކައުންސިލުގައި ރެކޯޑުކުރެވިފައި ނެތެވެ. 

އޭގެ އިތުރަށް ކައުންސިލު އިދާރާގެ މުވައްޒަފުންނަށް ސިވިލް ސާވިސް ކޮމިޝަނުން ފާސްކުރުމަކާ ނުލައި، ނޭޝަނަލް ޕޭ ކޮމިޝަނަަށް އެންގުމަކާ ނުލައި، ކައުންސިލުން ނިންމައިގެން މުވައްޒަަފުންނަށް ހާޒިރުވެ ގަޑީގެ ތެރޭގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 50 ރުފިޔާގެ އެލަވެންސްއެއް ދެމުންދިޔައެވެ. އެގޮތުން އެ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެޓެންޑެންސް އެލަވެންސްގެ ގޮތުގައި 172،250 ރުފިޔާވަނީ ދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު