ENGLISH
21 ޖެނުއަރީ 2026
ދެ އަހަރު ތެރޭ ބީއެމްއެލް ފުލެޓުތައް ނިމޭނެ، މި އަހަރު 12،000 ފުލެޓު މަސައްކަތް ފަށާނެ: ޑރ.މުއްތަލިބު
21 ޖެނުއަރީ 2026
|
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު
ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ތަރައްގީކުރާ 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ދެ އަހަރު ތެރޭ ނިމޭނެ ކަމަށާއި، މި އަހަަރު ތެރޭގައި ޖުމްލަ 12،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހުޅުމާލެއާއި މާލޭގައި 3،000 ހައުސިން ޔުނިޓު އެޅުމަށް ބީއެމްއެލްއިން ފަށާފައިވާ މަޝްރޫއުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންގޮސް ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމައިލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން އައު ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ބޭރުން ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވުމުން، ރާއްޖޭގެ ބޭންްކުތަކުން ލޯނުގެ ގޮތުގައި ދޫކުރާ ފައިސަގެ ދިހަ އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއްގެ ފައިސާ 5-6 އިންސައްތަ ޕްރޮފިޓުގައި ގެދޮރުވެރިކަމަށް ދޫކުރަ ލޯނުތަކަށް ހާއްސަކުރަން މަރުކަޒީ ބޭންކުން ނިންމިއެވެ. ބީއެމްއެލްގެ ހައުސިން ޔުނިޓުތަކަކީ މި އުސޫލުގެ ދަށުން ތަރައްގީކޮށް ކުއްޔަށް ދޫކުރާ ތަންތަނެވެ.
ބީއެމްއެލް މަޝްރޫއުގެ އިތުރަށް އިންޑިޔާ ސަރުކާރުގެ އެހީގައި ތަރައްގީކުރާ 4،000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، އެގޮތުން މިހާރު ކުރިއަށްދަނީ އެ މަޝްރޫއާ ގުޅޭ ލިޔެކިޔުން ދެ ގައުމުގެ މެދުގައި ބަދަލުކުރުމުގެ މަސައްކަތް ކަމުގައި ޑރ.މުއްތަލިބު ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރަށް ސައުދީ އަރަބިއްޔާގެ އެހީގައި ތަރައްގީކުރާ 400 ހައުސިން ޔުނިޓާއި ޗައިނާ ސަރުކާރުން ހަމަޖެހުނު އިންޓަރެސްޓު ފްރީ ލޯނުގެ ދަށުން ދޫކުރާ 500 ހައުސިން ޔުނިޓު އެޅުމުގެ ތައްޔާރީތައްވެސް ކުރިއަށްގެންދާ ކަމަށްެވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ މި އަހަރު ތެރޭ 12،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމަށެވެ. އަދި ސަރުކާރުން އިސްކަންދޭނީ ތިން ކޮޓަރީގެ އެޕާޓުމެންޓުތައް ތަރައްގީކުރަންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިއީ މިހާތަނަށް އެއްވެސް ސަރުކާރެއްގެ ދައުރުގެ ތެރޭގައި ގެދޮރުވެރިކަން އެޅުމަށް ފެށުނު އަދަދެއް ނޫނެވެ.
ސަރުކާރުންވަނީ 7،900 ފުލެޓު ދޫކުރުމަށް އިއުލާނުކޮށްފައެވެ. އަދި މިހާތަނަށް 416 މީހަކުވަނީ ފުލެޓަށް އެދި ފޯމު ހުށަހަޅާފައެވެ. އަންނަ އޭޕްރީލު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުލެޓުތަކަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.