ENGLISH
21 ޖެނުއަރީ 2026
ބޯހިޔާވަހިކަން އެންމެނަށް؛ 800 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި، ވެރިފިކޭޝަން އަންނަ ހަފުތާ ފަށާނެ
21 ޖެނުއަރީ 2026
|
ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު، ފޮޓޯ: ޕީއެސްއެމް
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ތައާރަފުކޮށްފައިވާ އާއިލީ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފުލެޓަށް އެދި 877 ފޯމު މިހާތަނަށް ހުށަހަޅާފައިވާކަމަށާއި، އެ ފޯމުތަކުގައި ހުށަހަޅާފައިވާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަރުހަލާ އަންނަ ހަފުތާ ފަށާނެ ކަމށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ.މުއްތަލިބު ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހު ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވައިލުމުން، ފުލެޓަށް އެދި 416 މީހކު އަދި ގޯއްޗަށް އެދި 221 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ޖުމްލަ 877 ފޯމު މިހަތަނަށް ލިބިފައިވާކމަަށެވެ.
އަދި ޕޯޓަލް މެދުވެރިކޮަށް ފޯމު ހުށަހެޅުމުގެ މަސައްކަތް 5،599 ފަރާތަކުން ފަށާފައިވާކަން ތަފާސްހިސާބުތަކުން ފެންނަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި އުސޫލުގައި ބަޔާންްކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަން ސާބިތުކޮށްދިނުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެއްކޮށް ހުރިހާ ލިޔެކިޔުމެއް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އިސްކަންދިނުން މުހިއްމެވެ. އަވަހަށް ފޯމު ހުށަހެޅުމުން ލިބޭނެ އިތުރު ފައިސާއެއް ނެތްކަން ފާހަގަކުރައްވަމުން ވަޒީރު އެދިވަޑައިގަތީ އެންމެންވެސް ރަނގަޅަށް ފޯމު ފުރިހަމަކޮށް، ސައްހަ މައުލޫމާތު ހުށަހެޅުމަށެވެ.
" އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން ޝަރުޠު ހަމަނުވާ ފަރާތްތަކުން ނުބައި މަޢުލޫމާތުދީގެން ފޯމު ފުރުމަކީ ހަގީގަތުގަ ދައުލަތުގެ ރިސޯސަސް ވޭސްޓްކުރަން ކުރާކަމެކޭ. އެކަން ނުކުރައްވާށޭ. ޝަރުޠު ހަމަވާ ފަރާތްތަކުން ވީހާވެސް ރަނަގޅަށް އެކަށީގެންވާ ޑޮކިއުމަންޓްސްތަކާއެއްޗެހި ލައިގެން ސަބްމިޓްކުރާށޭ. ވަގުތު އެބައޮތޭ. ބިމަށް 45 ދުވަސް، ފްލެޓަށް 3މަސްދުވަސް". ވަޒީރު ވިދާޅުވިއެވެ.
ރަސްމާލެއާއި މާލެ ސަރަހައްދު ހިމެނޭހެން 15،000 ގޯތި ދޫކުރުމަށް އިއުލާނުކޮށްފައިވާއިރު، މާލޭ ސަރަހައްދުން 7،900 ފުލެޓު ދޫކުރުމަށްވަެސްވަނީ އިއުލާނުކޮށްފައެވެ. މާލޭގެ ރަށްވެހިންގެ ކެޓަގަރީއިން 10،000 ގޯތި އަދި މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3،000 ގޯތި އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2،000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ ރަށްވެހިންގެ ކެޓަގަރީންނާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
ވަކިން ޚާއްޞަކޮށް މާލޭގެ ވަކިގެއަކަށް ނިސްބަތްނުވާ ގޮތަށް މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން 1000 ގޯއްޗާއި 1000 ފުލެޓު ވާނީ އިޢުލާނުކުރެވިފައެވެ.
މީގެ އިތުރުން، މާލޭ ރަށްވެހިންނަށް 4000 ފުލެޓާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2400 ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
އަންނަ މާރިޗު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އަންނަ އޭޕްރީލު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަަށް ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ.