ENGLISH
21 ޖެނުއަރީ 2026
ޗާގޯސްގެ މައްޗަށް އެހެން ގައުމަކަށްވުރެ ރާއްޖެއަށް އޮތް ހައްގު ބޮޑު: ރައީސް
21 ޖެނުއަރީ 2026
|
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ޔޫކޭގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީއާ ބައްދަލުކުރައްވަނީ
ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްޗަށް އެހެން އެއްވެސް ގައުމަކަށްވުރެ ރާއްޖެއަށް އޮތް ހައްގު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.
އިނގިރޭސި ޓެބްލޮއިޑް އެކްސްޕްރެސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ ތާރީހީ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން ރާއްޖެއާއި ފޯޅަވަހީގެ މެދުގައި ވަރަށް ބޮޑު ގުޅުމެއް އޮތްކަމަށް ދެކެވަޑައިގެންނަވާ ކަމަށާއި، ރާއްޖެއިން ފޯޅަަވަހީގެ މައްޗަށް ކުރާ ދައުވާގެ ތަފުސީލު އިނގިރޭސި ސަރުކާރާ ހިއްސާކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްވަނީ ދިވެހި ސަރުކާރުގެ ފަރާތުން އިނގިރޭސި ސަރުކާރަށް ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތީ ހައްގު އޮތްކަން އަންގަވައި ސިޓީއެއް ފޮނުއްވިކަން މީގެ ކުރިންވެސް ހާމަކުރައްވާފައެވެ.
އެކްސްޕްރެސްއަށް ދެއްވި ބަސްދީގަތުމުގައި ރައީސް ވިދާޅުވީ ފޯޅަވަހީގެ މައްސަލާގައި ރާއްޖޭގެ ކަންބޮޑުވުންތަކާއި ރާއްޖޭގެ ދައުވާއަކީ ކޮބައިކަން ވަރަށް ތަފުސީލުކޮށް ރަސްމީ މުވާސަލާތުތަކުގެ ޒަރީއާއިން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއާއި ރާއްޖޭގެ މެދުގައި އޮތް ތާރީހީ ގުޅުމަކީ ލިޔެކިޔުމުން ފެންނަން އޮތް ގުޅުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ގުޅުންތަކުގެ ސަަބަބުން ޗާގޯސްގެ މައްޗަށްް ސިޔާދަތީ ބާރު ލިބުމުގެ ހައްގު އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް ރާއްޖެއަށް އޮންނާނެ ކަމަށެވެ.
އަދި ރާއްޖެއިން އިނގިރޭސި ސަރުކާރާ މިކަމުގައި ކޮށްފައިވާ މުއާމަލާތްތަކުގެ ތަފުސީލުތައް ހާމަނުކުރެއްވުނު ނަމަވެސް އެހެން ހުރިހާ ގައުމަކަށްވުރެ ރާއްޖެއިން ޗާގޯސްގެ މައްޗަށް ކުރާ ދައުވާގެ ބުރަދަން ބޮޑުވާނެކަން ތަކުރާރުކޮށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ބަސްދީގަތުމުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޗާގޯސް މައްސަލއަކީ ޖިއޯޕޮލިޓިކްސްއާ ގުޅުންހުރި ކަމެއް އެކަންޏެއް ނޫނެވެ. އެއީ ތާރީހީ ހަގީގަތްތަކާ އެއްގޮތަށް ސޮިޔާސަތު އެކަށައެޅުމާއި އަދުލުވެރިވުމާއި އިނގިރޭސި ދައުލަތުގެ ދުވަސްވީ ބައިވެރިއެއްގެ އަޑުއެހުމާ ގުޅުންހުރި މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޗާގޯސް މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމާފައިވާއިރު، އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕުވަނީ އިނގިރޭސި ބޮޑުވަޒީރު ކެއިރް ސްޓަރމަރއަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އިނގިރޭސި ސަރުކާރުން ނިންމި "މޮޔަ" ނިންމުމެކެވެ.
ޖިއޮގްރަފީގެ ގޮތުން ބަލާނަމަ މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއީއާއި ޗާގޯސްގެ މެދުގައި 1،300 މޭލުގެ ދުރުމިން ހުރެއެވެ. ނަމަވެސް ޗާގޯސްއާއި ރާއްޖޭގެ ވެރިރަށް މާލެއާ ދެމެދުގައި ހުންނާނީ އެންމެ 310 މޭލުގެ ދުރުމިނެކެވެ. އަދި ފޯޅަވައްސަކީ ދިވެހިން އިހުގައި ދަތުރުކޮށް އުޅުނު އަތޮޅެކެވެ. އަދި ދިވެހި ބައެއް ރަސްކަލުންގެ ލިޔުއްވުންތަކުގައި ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް އެ ބޭފުޅުން ލިޔުއްވާފައިވެއެވެ.
ފޯޅަވައްސާއި ރާއްޖެއާ ދެމެދުގައި އޮންނަ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ބައެއް ނިންމެވުންތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ. އަދި ފޯޅަވައްސަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ހަމަޖައްސައި އެ ސަރަހައްދު ހޯދުމަށް މަސައްކަތްކުރުމަށް ގޮވައިލާ ވަރުގަދަ ހަރަކާތެއް މީސްމީޑިޔާގައި ފެށިފައިވެއެވެ.
ކުރީ ސަރުކާރުން ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލާގައި އަމަލުކުރި ގޮތުން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މަސައްކަަތްކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. ސަރުކާރުން އަންނަނީ އެކަމުގައި އެޅޭނެ ފިޔަވަޅުތައް ބަލައި، ޑިޕްލޮމެސީ މެދުވެރިކޮށް ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.