ENGLISH

21 ޖެނުއަރީ 2026

Advertisement

ދިވެހިން އެންމެ ބޮޑަށް ތާއީދުކުރަނީ ރައީސަށްކަން އިދިކޮޅު ފަރާތްތަކުން ގަބޫލުކުރަންޖެހޭ : ފަލާހު

21 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު

ދިވެހިން އެންމެ ބޮޑަށް ތާއީދުކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށްކަން އިދިކޮޅު ފަރާތްތަކުން ގަބޫލުކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ކޮންގުރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

ވިލިމާލޭގައި ގާއިމުކޮށްފައިވާ ޕީއެންސީގެ އޮފީސް ހުޅުވައި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ކެމްޕެއިން މެނޭޖަރުކަންވެސް ކުރައްވާ ފަލާހު ވިދާޅުވީ ރައީސް ޑރ.މުޢިއްޒު ވެރިކަމަށް ކުރިމަތިލައްވައި، އިންތިހާބު ކާމިޔާބުކުރައްވައި، ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ޕީއެންސީގައި ތިބީ އެންމެ 3،000 އެއްހައި މެންބަރުން ކަމަށެވެ. ނަމަވެސް މިހާރު އެ ޕާޓީގައި 75،000 އަށްވުރެ ގިނަ މެންބަރުން އެބަތިބި ކަމަށެވެ. 

ފަލާހު އިތުރަށް ވިދާޅުވީ އެ ޕާޓީއަށް މެންބަރުން އިތުރުކުރީ އޮޅުވާލައިގެން ކަމަށް އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރި ނަމަވެސް މިހާރު ޕާޓީން ވަކިވުން ވަރަށް ފަސޭހަކޮށްދީފައިވާއިރު، އަދި ކުރީގެ ގޮތަށް ފިންގަ ޕްރިންޓު ޖަހައިގެން ސޮއިކޮށްފައި އޮތް ފޯމެއް ހުށަހަޅައިގެން ޕާޓީއަށް ނުވަދެވޭ ގޮތަށް އިންތިޒާމުތައް ބަދަލުކުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގެ ދަފުތަރާ ގުޅޭ ތަފާސްހިސާބު އާއްމުކުރާ ކޮންމެ ފަހަރަކު ކޮންގްރެސް ޕާޓީއަށް އެތައް ހާސް މެންބަރުން އިތުރުވާއިރު އިދިކޮޅު ބައެއް ޕާޓީތައް އުޅެނީ ތިންހާސް މީހުންވެސް ހަމަނުކުރެވިގެން ކަމަށެވެ. 

"އިދިކޮޅު ފަރާތްތަކުން ގަބޫލުކުރައްވަން އެބަޖެހޭ ޕީއެންސީއަކީ މިވަގުތު ދިވެހި ރައްޔިތުން އެންމެ ތާއީދުކުރާ ސިޔާސީ ޕާޓީކަން، ޕީއެންސީގެ ލީޑަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ ލީޑަރުކަން،" ފަލާހު ވިދާޅުވިއެވެ. 

އިތުރަށް ފަލާހު ފާހަގަކުރެއްވީ މީގެ ކުރިން ދުވަހަކުވެސް ކައުންސިލު އިންތިހާބަކަށް ޕާޓީގެ ޓިކެޓުގައި ވާދަނުކުރާ މިންވަރަށް ކޮންގުރެސް ޕާޓީގެ ޓިކެޓުގައި މިފަހަރު އިންތިހާބަށް ކެންޑިޑޭޓުން ނެރެވޭ ކަމެވެ. އެގޮތުން މިފަހަރު އެ ޕާޓީގެ ޓިކެޓުގައި 1،320 ކެންޑިޑޭޓުން ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރައްވާނެކަަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ އެކަމުންވެސް ފެންނަނީ އެ ޕާޓީއާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އުންމީދު ކަމަށެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި އެހައި ގިނަ ކެންޑިޑޭޓުން ވާދަކުރާ ސަބަބަކީ އެ ޕާޓީގެ ޓިކެޓުގައި އިންތިހާބަށް ނުކުތުމުން ރައްޔިތުންގެ ތާއީދާއި ވޯޓު ލިބޭނެކަމުގެ ޔަގީންކަން އޮތުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އަދި ފަލާހު ވިދާޅުވީ އިދިކޮޅު ބައެއް ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރާނެ ދިވެހިން ނުލިބިގެން އެ ޕާޓީތަކުގެ ޓިކެޓުތައް ހިލޭ ދިނުމުންވެސް ހިފާނެ މީހަކު ނެތިގެން އުޅެންޖެހިފައިވާ ކަމަށެވެ. 

ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ ސަބަބަށް އަލިއަޅުވައިލައްވަމުން ފަލާހު ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް އެއްވެސް ސަރުކާރަކުން ނުފަށާ އަދަދަށް މަޝްރޫއުތައް ސަރުކާރުން ފަށާފައިވާއިރު، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުތަކުން މި މަޝްރޫއުތައް ހިންގުމަށް އަންނަނީ ހުރަސްއަޅައި މަޝްރޫއުތައް ހުއްޓުވުމަށް ކަމަށެވެ. އަދި ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ މަޝްރޫއުތައް ފަށައި ހަލުއިކޮަށް އެ މަޝްރޫއުތައް ނިންމުމަށްޓަކައި ދެވޭ ވޯޓެއް ކަމަށެވެ. 

މާލޭ ސިޓީގެ މޭޔަރުކަމަށް ކޮންގުރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ ގައުމީ ހިދުމަތުގައި އެތައް ޒަމާނެއް ހޭދަކުރެއްވި، އޭނާގެ ނަންފުޅާ ގުޅުވައިގެން އިހުލާސްތެރިކަން ނޫން ކަމެއް ފާހަގަކުރެވެން ނެތް ބޭފުޅެއްކަމަށް ވިދާޅުވެ ފަލާހު ފާހަގަކުރެއްވީ އެފަދަ ހިދުމަތްތެރި އިހުލާސްތެރި ބޭފުޅަކު އަލުން ގައުމީ ހިދުމަތަށް ނިކުމެވަޑައިގަތުމަކީ ރައްޔިތުން އެކަމަށް ޝުކުރު އަދާކުރަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ. 

އަދި ކޮންގުރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ގައުމަށާއި، ރަށަށް އަދި ޕާޓީއަށާއި ސަރުކާރަށް ވަފާތެރި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރައްވާނެ ބޭފުޅުންކަން ފާހަގަކުރައްވަމުން ފަލާހުވަނީ އެ ބޭފުޅުންނަށް ވޯޓުދެއްވުމަށް އެދިވަޑައިގެންފައެވެ. 

ކިޔުންތެރިންގެ ހިޔާލު