ENGLISH
21 ޖެނުއަރީ 2026
ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ މަންފާ ރައްޔިތުންނަށް ލިބޭނީ ކޮންގުރެސްގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން: މުހައްމަދު އިސްމާއީލް
21 ޖެނުއަރީ 2026
|
ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ނަފާ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބޭނީ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވެެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެންކަމަށް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ވިލިމާލޭ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މުހައްމަދު އިސްމާއީލުވަނީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް އަލިއަޅުއްވައިލައްވައި އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައި ރައްޔިތުން ގޮތް ނިންމުމުގައި އެކަމަށް ވިސްނުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ފާއިތުވި މާޒީގައި ސަރުކާރާ އިދިކީލަ ވިސްނުމުގެ ކައުންސިލުތަކުން އެކި ގޮތްގޮތުން ސަރުކާރަށް ދުއްތުރާކޮށް ޖެއްސުންކޮށް ދަތިކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރު ވިދާޅުވި ގޮތުގައި ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގައި ފާއިތުވި ދެ އަހަރާއި މަސްތަކުގެ ތެރޭގައިވެސް ބައެއް ކައުންސިލުތަކުން ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި، ރަށްރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ދަތިކޮށް، އެކަންކަން ހުއްޓުވަންވަނީ މަސައްކަަތްކޮށްފައެވެ. އެހެންކަމުން ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލަރުން އިންތިހާބުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ދެ އަހަރާއި ދުވަސްކޮޅެއް ހިނގަމުންދާއިރު މިވެރިކަމުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ފެނިގެންގޮސްފައިވަނީ ރަށްރަށުގެ އިދިކީލަ ކައުންސިލުތަކުން ވެރިކަމުގެ ނިޒާމުގެ ތެރެއަށް އުދަގޫކުރުމަށް ކޮށްފައި ހުރި މަސައްކަތްތައް. މިއީ ދެބަސްވެވޭނެ ހަގީގަތެއް ނޫން. އެހެންވީމާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީއާއި ކުރިއެރުން ގެނައުމަށް ސަރުކާރުން ނެރެފައި ތިބި ބޭފުޅުން، ރައީސް ޑރ.މުޢިއްޒަށް ތާއީދުކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަކީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށްވެސް މުހިއްމު ކަމެކޭ،" މެންބަރު ވިދާޅުވިއެވެ.
މެންބަރު އިތުރަށް ފާހަގަކުރެއްވީ ވިލިމާލޭގައި ސަރުކާރުން މުހިއްމު ގިނަ މަޝްރޫއުތަކެއް މިހާރުވެސް އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި މާލޭ ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައާ ގާތްކުރާ މިންވަރަކަށް މީހުން ދިރިއުޅޭ ސަރަހައްދަށްވާތީ މި ސަރަހައްދުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާއިރު، ސަރުކާރު ބޭނުންވާ ގޮތަށް އެ މަސައްކަތްތައް ކުރެވޭނީ ސަރުކާރަށް ތާއީދުކުރާ ކައުންސިލަރުންތަކެއް ތިބެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެންބަރު ވިދާޅުވި ގޮތުގައި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން އިންތިހާބުނުކުރެވިއްޖެނަމަ ވިލިމާލޭ ރައްޔިތުން ބޭނުންވާ ތަރައްގީ ނުގެނެވޭނެއެވެ. އަދި ފާއިތުވި އެތައް ޒަމާނެއްގައި ނުގެނެވި އޮތް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވިލިމާލެއަށް ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގެ ދެ އަހަރެއްހައި ދުވަސް ތެރޭގައި ގެނެވިފައިވާކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ އެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އެހީތެރިވާނެ ކައުންސިލަރުން ހޮވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.