ENGLISH

20 ޖެނުއަރީ 2026

Advertisement

ކޮވިޑުގައި ޕީސީއާރް ޓެސްޓު ހެދުމުގެ ހިދުމަތް ދިނުމަށްފަހު ޓެކުހަށް މަކަރު ހެދި ދެ ކުންފުންޏަކަށް ޖިނާއީ ދައުވާކުރަން ފޮނުވައިފި

20 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ކޮވިޑް-19 ގައި އެކި ހިދުމަތްތަކުން ލިބުނު އާމްދަނީ މި ދެ ކުންފުނިން އޮޅުވާލާފައިވާކަމަށް މީރާއިން ތުހުމަތުކުރޭ

ކޮވިޑް-19ގެ އާލަމީ ވަބާގެ ދުވަސްވަރުގައި ފުޅާ ދާާއިރާއެއްގައި ޕީސީއާރް ޓެސްޓު ހެދުމުގެ ހިދުމަތް ދިން ދެ ކުންފުންޏަކުން ޓެކުހަށް މަކަރު ހެދިކަމަށް ތުހުމަތުކޮށް އެ ދެ ކުންފުނީގެ މައްޗަށް ދައުވާކޮށްދޭން އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. 

މީރާއިން މިއަދު ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ ޓެކުހަށް މަކަރު ހެދިކަމަށް ތުހުމަތުކުރެވެނީ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ. އެ އިދާރާއިން ތުހުމަތުކުރާ ގޮތުގައި މި ދެ ކުންފުނިން ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްވަރު ޕީސީއާރް ޓެސްޓުގެ ޑިމާންޑު އެންމެ ބޮޑުވި ވަގުތު އެ ހިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް އިސްކޮށްް ހަރަކާތްތެރިވި ނަމަވެސް، މީރާއަށް އެ ކުންފުނިތަކުން ހުށަހެޅި އާމްދަނީން ނަގާ ޓެކުހުގެ ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކުރިކަންް ފާހަގަކުރެވުނެވެ. އަދި އެ މައްސަލަ އެ އިދާރާައިން ތަހުގީގުކުރިއެވެ. 

2020 ވަނަ އަހަރާއި 2021، އަދި 2022 ގައި އައިލެންޑް ހެލްތު ސޮލިއުޝަންސްގެ ދަށުން ހިންގާ "ޕާލް މެޑިކަލް ސެންޓަރު" ކްލިނިކުން ޕީސީއާރް ޓެސްޓު ހެދުމުގެ އިތުރަށް، އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިން ނަމަވެސް އެ ހިދުމަތްތަކުން ލިބުނު އާމްދަނީ އެންމެ ފުރިހަމައަށް މީރާއަށް ރިޕޯޓުކޮށްފައިނުވާކަމަށް އެ އިދާރާއިން ތުހުމަތުކުރެއެވެ. 

ޕައިނިއަރ މޯލްޑިވްސްއަކީ ޕީސީއާރް ޓެސްޓު ހެދުމުގެ ހިދުމަތް އެންމެ ފުރަތަމަ ފެށި އެއް ފަރާތްކަމާއި، 2020 އަދި 2021 ގައި އާއްމުންނަށާއި ޓޫރިސްޓު ފެސިލިޓީތަކަށް ފުޅާ ދާއިރާއެއްގައި އެ ކުންފުނިން އެ ހިދުމަތް ފޯރުކޮށްދިން ނަމަވެސް، އެ ހިދުމަތުން ލިބުނު އާމްދަނީ ފުރިހަމައަށް އެ ފަރާތުން މީރާއަށް ހުށަހެޅި އާމްދަނީގެ ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތަކުގައި ހިމަނާފައިނުވާކަމަށް މީރާއިން ބުންޏެވެ. 

އަދި ޕީސީއާރް ޓެސްޓު ހެދުމުގެ ހިދުމަތް ދީގެން 2021 ގައި އެ ކުންފުންޏަށް ލިބުނު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުސް ދަށްކުރުމަށް ކޯސްޓް އޮފް ސޭލްސްއާއި އިދާރީ ހިންގުމުގެ ހަރަދުތަކުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އެ ކުންފުނިން ހިމެނި ކަމަށްވެސް މީރާއިން ބުނެފައިވެއެވެ. 

އެ ތިން އަހަރު އައިލެންޑް ހެލްތު ސޮލިއުޝަންސްއިން މީރާއަށް ހުށަހެޅި އިންކަމް ޓެކްސް ބަޔާނުގައި ބުނެފައިވާ ގޮތުން 31.9 މިލއިަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއާސް މޯލްޑިވްސްއިން 2020 އަދި 2021 ގައި ޓެކުސް ނެގޭ އާމްްދަނީގެ ތެރެއިނ 102 މިލިއަން ރުފިޔާ ޓެކްސް ބަޔާންތަކުގައި ނުހިމަނާކަމަށްވެސް އެ އިދަރާއިން ތުހުމަތުކޮށްފައިވެއެވެ. 

މި އޮޅުވައިލުންތަކާ ގުޅިގެން އައިލެންޑް ހެލްތު ސޮލިއުޝަންސްއިން 4.3 މިލިއަން ރުފިޔާ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި އިތުރަށް ދައްކަންޖެހޭކަމަށް، އަދި ޕައިނިއާސް މޯލްޑިވްސްއިން 23.7 މިލިއަން ރުފިޔާ ދައްކަންޖެހޭކަން އެ ކުންފުނިތަކަށް މީރާއިން އެންގިއެވެ.

އަދި މި މައްސަލާގައި ދެ ކުންފުނީގެ އިތުރަށް އެ ކުންފުނިތަކުގައި އިސްކޮށް މަސައްކަތްކުރެއްވި ޑައިރެކްޓަރުން ކަމުގައިވާ ޑރ.އިކްލީލް ޝަރީފާއި، ޑރ.އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާކޮށްދިނުމަށް މީރާއިން އެދިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރަށް މި މުއްދަތުގައި އެ ދެ ކުންފުނީގެ މާލީ ބަޔާންތައް ތައްޔާރުކޮށްދިން އަލީ ފަޔާޟުގެ މައްޗަށް އެނގިހުރެ ސައްހަ ނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބުތަކާއި ޓެކްސް ބަޔާންތައް ތައްޔާރުކުރި ކަމުގެ ތުހުމަުގައި ދައުވާކޮށްދިނުމަށްވެސް މީރާއިން އެދިފައިވެއެވެ. 

ޓެކުސް ނެގުމުގެ އިދާރ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ދައްކަަންޖެހޭ ޓެކްސް ދެއްކުމަށް އެނގިހުރެ ގަސްތުގައި އެއްކިބާވުމުގެ ނިޔަތުގައި ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށްކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވުމަކީވެސް އެ ގާނޫނުގެ ދަށުން ކުށެކެވެ. 

ކިޔުންތެރިންގެ ހިޔާލު