ENGLISH

05 ޖުލައި 2025

Advertisement

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުން ދިވެހިން ދިރިއުޅޭ ވަޒަން ބަދަލުކުރުމަކީ ސަރުކާރު ދެކޮޅު ކަމެއް: ބަންޑާރަ ނައިބު

06 ޑިސެމްބަރު 2024

|

އެމް އެމް

ބަންޑާރަ ނައިބު އުޝާމް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ދިވެހި ރާއްޖެ ނާޒުކުކަން ފާހަގަކުރައްވައި، އެ އަސަރުތަކުގެ ސަބަބުން ދިވެހި ރަައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލުކުރަން ޖެހުމަކީ ދިވެހި ސަރުކާރު ދެކޮޅު ކަމެއްކަމަށް ބަންޑާރަ ނައިބު އަޙުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި، އދ. ގެ އާއްމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިވެހި ރާއްޖެ އިން ބައިވެރިވެ، ބަޔާން ދެއްވަމުންނެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން އުފެދޭ ޤާނޫނީ ބައެއް ސުވާލުތަކާ ގުޅޭ ގޮތުން، އައިސީޖޭގެ ސްޓެޓިއުޓުގެ 65 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އެ ކޯޓުގެ އިސްތިޝާރީ ލަފަޔެއް ހޯދުމަށް އެދި އދ.ގެ 77 ވަނަ ޢާއްމު މަޖިލީހުގެ 276/77 ވަނަ ޤަރާރުގެ ދަށުން ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލާގައި ކުރިއަށްދާ ޢާއްމުކޮށް ހުޅުވާލެވިގެން ބޭއްވޭ އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާނެއް ހުށަހެޅުމުގެ ފުރުޞަަތު ޤައުމުތަކަށާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަަކަށް ވަނީ ހުޅުވާލައިފައެވެ.

އައިސީޖޭގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިވެހި ރާއްޖެ ތަމްސީލް ކުރައްވަމުން ބަންޑާރަ ނައިބު އުޝާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ކެނޑިނޭޅި ވަކާލާތު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު އިސްނެންގެވުމުން ފާހަގަ ކުރައްވައި ދިވެހި ރާއްޖެ ފަދަ ނާޒުކް ޤައުމުތަކަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން އެހީ ފޯރުކޮށްދެއްވުމަށް ގޮވާލައްވައިފައެވެ. 

މިއަދުގެ އަޑުއެހުމުގައި ދިވެހި ރާއްޖެ ތަމްސީލް ކުރެއްވި ބައިނަލްއަގުވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ޤާނޫނުތަކުގެ ދަށުން ދިވެހި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާ އަށް އަލިއަޅުއްވާލައްވައި، ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ޤައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ތަފްޞީލް ކުރައްވާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަޤުވާމީ މުޖްތަމަޢުގެ މަސްއޫލިއްޔަތެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއާ ގުޅިގެން މަސައްކަތް ކުރުމުގަ އާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާ އެކު އޮންނާނެކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ." ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު